ހުޅުމާލެ ވަން އެވެނިއު ފްލެޓެއްގައި ރޭ ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން، އެތަނުގައި ދިރިއުޅޭ ފަސް މީހަކަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަގުތީ ހިޔާވަހިކަން ހަމަޖައްސައިދީފިއެވެ.
މި ހާދިސާ ހިނގާފައިވަނީ އެ އިމާރާތުގެ ހަތް ވަނަ ފަންގިފިލާގެ އެޕާޓްމަންޓެއްގެ ބަދިގޭގައެވެ. އަލިފާން ރޯވުމުގެ ސަބަބުން އެ ގޭގެ ބަދިގެ ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައި ހުލިވެފައެވެ. ނަމަވެސް ނަސީބަކުން މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައެއް ނުވެއެވެ.
އެންޑީއެމްއޭއިން މައުލޫމާތު ދީފައިވާ ގޮތުގައި، އަލިފާނުގެ ސަބަބުން ހާލުގައި ޖެހުނު ފަސް މީހުންނަށް ބޭނުންވާ ކެއިންބުއިމާއި ނިދުމުގެ އިންތިޒާމް، ތިން ދުވަހުގެ މުއްދަތަށް އެ އޮތޯރިޓީން މިހާރު ވަނީ ހަމަޖައްސައިދީފައެވެ.
މީގެ އިތުރުން، މި ހާދިސާގައި އެޕާޓްމަންޓަށް ލިބުނު ގެއްލުންތައް ބަލައި، ގެއްލުމުގެ ތަފްސީލު ހޯދުމުގެ މަސައްކަތް އެންޑީއެމްއޭއިން މިހާރު ދަނީ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ