ކުރީގެ ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ މައުމޫން ފައުންޑޭޝަނުން އިންތިޒާމުކޮށްގެން ކޮންމެ އަހަރަކުވެސް ބާއްވަމުން އަންނަ އިޙްޔާ ޕްރޮގްރާމް، މި އަހަރުގެ ރަމަޟާން މަހުވެސް ކުރިއަށް ގެންދިއުމަށް ނިންމައިފިއެވެ.
މި އަހަރުގެ ޕްރޮގްރާމްގައި ހިމެނޭ ސިލްސިލާ ޖަލްސާތައް ބޭއްވުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައެވެ. ރޯދަ މަހުގެ ކޮންމެ އަންގާރަ ދުވަހެއްގެ ރޭ 10:00 ގައި ފަށާ ގޮތަށް ތާވަލުކޮށްފައިވާ މި ޖަލްސާތައް އޮންނާނީ ފެބްރުއަރީ 24، އަދި މާޗް މަހުގެ 3، 10 އަދި 17 ވަނަ ދުވަހުއެވެ.
މި ފޯރަމްތަކުގައި މައުމޫން ފައުންޑޭޝަންގެ ޗެއާމަން ރައީސް މައުމޫން ޢަބްދުލްޤައްޔޫމްގެ އިތުރުން، ރާއްޖޭގެ ފުންނާބު އުސް ދީނީ ޢިލްމުވެރިން ވާހަކަފުޅު ދައްކަވާނެއެވެ. މައުމޫން ފައުންޑޭޝަނުން ވަނީ މި ޖަލްސާތަކުގައި ބައިވެރިވުމަށް ޝައުގުވެރިވާ ފަރާތްތަކަށް ދައުވަތު އަރުވާފައެވެ.
ރައީސް މައުމޫންގެ ވެރިކަމުގެ 30 އަހަރު ދުވަހުގެ ތެރޭގައި ފެއްޓެވި މި އިޙްޔާ ޕްރޮގްރާމަކީ، ވެރިކަން ނިމުމަށްފަހު އައި ސަރުކާރުތަކުގައިވެސް އެމަނިކުފާނު މެދުކެނޑުމެއްނެތި ކޮންމެ ރޯދަ މަހަކުވެސް ބާއްވަމުން ގެންދަވާ، ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މުހިންމު ޙަރަކާތެކެވެ.
ކޮމެންޓު ފޮނުވާ