ސުނާމީ ބިނާ ސަރަހައްދުން ކުޑަކުއްޖަކު ހިފަހައްޓައި އަނިޔާކުރި މީހާ 8 މަހަށް ޖަލަށް

ސުނާމީ ބިނާ ސަރަހައްދުން ކުޑަކުއްޖަކު ހިފަހައްޓައި އަނިޔާކުރި މީހާ 8 މަހަށް ޖަލަށް

Author
އަހުމަދު
20 ފެބްރުއަރީ 2026 12:29
0

މާލޭގެ ސުނާމީ ބިނާ ސަރަހައްދުގައި ހުރި ކުޑަކުއްޖަކު އެ ތަނުން ނުދެވޭ ގޮތަށް ހިފަހައްޓައި، އެ ކުއްޖާއަށް އަނިޔާކުރި މައްސަލައިގައި ދައުވާ ލިބުނު މީހާ އަށް މަހަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މިދިޔަ ސެޕްޓެމްބަރު މަހު ހިނގި މި ހާދިސާއާ ގުޅިގެން ދައުލަތުން ދައުވާ އުފުލީ ވ. ރަކީދޫ، ވިލާޑީލައިޓް، އިބްރާހީމް ނާއިލްގެ މައްޗަށެވެ. އޭނާގެ މައްޗަށް ދައުލަތުން އުފުލީ އަނިޔާއެއް ދިނުމުގެ ކުށުގެ ދައުވާ އާއި ރުހުމެއް ނެތި އެކަށީގެންވާ މުއްދަތަކަށް މީހަކު ހިފެހެއްޓުމުގެ ކުށުގެ ދައުވާ އެވެ.

މިދިޔަ ހަފްތާގައި ކްރިމިނަލް ކޯޓުން ކުރި ހުކުމުގައިވާ ގޮތުން، ޝަރީއަތުގެ މަޖިލީހުގައި ނާއިލް ވަނީ ދައުވާތަކަށް އިއުތިރާފުވެ، ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފަ އެވެ. އެހެންކަމުން ކޯޓުން އަދަބު ކަނޑައަޅާފައިވަނީ އެ އެއްބަސްވުމާ އެއްގޮތަށެވެ. އެގޮތުން އަނިޔާއެއް ދިނުމުގެ ކުށަށް އެއް މަހާއި ހަ ދުވަހުގެ ޖަލު އަދަބެއް އަދި މީހަކު ހިފެހެއްޓުމުގެ ކުށަށް ހަތް މަހާއި ހަ ދުވަހުގެ ޖަލު އަދަބެއް ވަނީ ކަނޑައަޅާފަ އެވެ. ނަމަވެސް ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން އޭނާ ތަންފީޒުކުރަން ޖެހޭ އަދަބަކީ ހަ މަހާއި އެއް މަހުގެ މުއްދަތެކެވެ.

މި މައްސަލައިގައި އިތުރު މީހެއްގެ މައްޗަށް ވެސް ދައުލަތުން ވަނީ މީހަކު ހިފެހެއްޓުމުގެ ކުށުގެ ދައުވާ އުފުލާފަ އެވެ. ނަމަވެސް ނާއިލްގެ މައްޗަށް ކުރި ހުކުމުގައި، ދެން ދައުވާ ލިބޭ މީހާގެ މައްސަލަ ނިމުނު ގޮތެއް ބަޔާންކޮށްފައެއް ނުވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.