175 ރުފިޔާގެ ކޮފީ ފުޅިއެއް ވަގަށް ނެގުމުން 32،000 ރުފިޔާގެ ޖޫރިމަނާއެއް

175 ރުފިޔާގެ ކޮފީ ފުޅިއެއް ވަގަށް ނެގުމުން 32،000 ރުފިޔާގެ ޖޫރިމަނާއެއް

Author
އަހުމަދު
19 ފެބްރުއަރީ 2026 11:50
0

ރެޑްވޭވް ޕްލާޒާއިން އަގުހެޔޮ ކޮފީ ފުޅިއެއް ވަގަށް ނެގި މީހެއްގެ މައްޗަށް އިއްވި ޖަލު ހުކުމް ޖޫރިމަނާއަކަށް ބަދަލުކޮށް، އެ ކުށުގެ އަދަބެއްގެ ގޮތުން 32،000 ރުފިޔާއަށްވުރެ ބޮޑު އަދަދެއް ދައްކަން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ހިނގި މި ހާދިސާގައި، ށ. ކޮމަންޑޫއަށް ނިސްބަތްވާ މި މީހާ ވަނީ ރެޑްވޭވް ޕްލާޒާ ތެރެއިން 175 ރުފިޔާގެ ނެސްކެފޭ ކްލެސިކް ފުޅިއެއް ނަގައި، ލައިގެން ހުރި ޓީޝާޓު ތެރެއަށް ލައި ފޮރުވައިގެން ފައިސާ ނުދައްކައި ނުކުންނަން މަސައްކަތްކޮށްފައެވެ. ދައުލަތުން އޭނާގެ މައްޗަށް އުފުލީ އެހެން މީހެއްގެ މުދަލަށް ހުއްދަ ނޫން ގޮތުގައި ބާރު ހިންގުމުގެ ކުށުގެ ދައުވާއެވެ.

މައްސަލައިގެ ޝަރީއަތުގައި އޭނާ ވަނީ ކުށަށް އިއުތިރާފުވެ، މުޖުތަމައުއަށް ރަނގަޅު މީހެއްގެ ގޮތުގައި ނުކުތުމަށް ބޭނުންވާކަން ހާމަކޮށް އަދަބު ލުއިކޮށްދިނުމަށް އެދިފައެވެ. ނަމަވެސް، ޝަރީއަތުން ފާހަގަކުރި ގޮތުގައި އޭނާއަކީ ކުރިންވެސް ކުށުގެ ރެކޯޑު އޮތް މީހަކަށްވާތީ، ކަނޑައެޅޭ އަދަބުގެ ދަރަޖަ މަތިކުރަންޖެހެއެވެ.

މިކަމަށް ރިއާޔަތްކޮށް ކްރިމިނަލް ކޯޓުގެ އިސްގާޒީ އާދަމް މުހައްމަދު ކަނޑައެޅުއްވީ އޭނާ 5 މަހާއި 14 ދުވަހަށް ޖަލަށް ލުމަށެވެ. އެހެންނަމަވެސް، ގާޒީ ވަނީ އެ މުއްދަތުގެ ޖަލު އަދަބު ޖޫރިމަނާއަކަށް ބަދަލުކޮށްދެއްވާފައެވެ. އެހެންކަމުން 175 ރުފިޔާގެ ކޮފީ ފުޅީގެ ބަދަލުގައި އޭނާ ދައްކަން ޖެހުނީ 32،800 ރުފިޔާގެ ޖޫރިމަނާއެކެވެ. މިއަހަރުގެ ޖަނަވަރީ 28 ގައި ކޯޓަށް ހުށަހެޅި މި މައްސަލައިގެ ހުކުމް އިއްވާފައިވަނީ މި ހިނގާ ފެބްރުއަރީ މަހުގެ 12 ވަނަ ދުވަހުއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.