މާލެ ސިޓީ ކައުންސިލްގެ ރަސްމީ ޖަލްސާ ބޭއްވުމަށް ބޭނުންވާ ގާނޫނީ އަދަދު ނުވަތަ ކޯރަމް ހަމަވެފައި ވަނިކޮށް، ކޯރަމް ހަމަނުވާކަމަށް ވިދާޅުވެ މޭޔަރު އާދަމް އާޒިމް މިއަދުގެ ޖަލްސާ ކެންސަލްކުރައްވައިފި ކަމަށް ޑެޕިއުޓީ މޭޔަރު އަހުމަދު އަރީޝް ވިދާޅުވެއްޖެއެވެ.
ޑެޕިއުޓީ މޭޔަރު އަރީޝް ވިދާޅުވި ގޮތުގައި މިއަދު ބޭއްވުމަށް ހަމަޖެހިފައި އޮތް ކައުންސިލްގެ 4 ވަނަ ދައުރުގެ 234 ވަނަ ޖަލްސާއަށް މޭޔަރު އާޒިމް ހިމެނިވަޑައިގަންނަވާ ގޮތަށް ޖުމްލަ 10 ކައުންސިލަރުން ގަޑިއަށް ވަޑައިގެން ތިއްބެވިއެވެ. މިއީ ޖަލްސާ ކުރިއަށް ގެންދިއުމަށް ސާފުކޮށް ކޯރަމް ހަމަވާ އަދަދެއް ނަމަވެސް، މޭޔަރު ނިންމެވީ ކޯރަމް ހަމަނުވާކަމަށް އިއުލާންކުރައްވައި ޖަލްސާ ނިންމަވާލެއްވުމަށް ކަމަށް އަރީޝް ފާހަގަކުރެއްވިއެވެ. މިއަދުގެ ޖަލްސާއަށް މޭޔަރާއި ޑެޕިއުޓީ މޭޔަރުގެ އިތުރުން ކައުންސިލަރުން ކަމަށްވާ އައިމަން، ނަހުލާ، ރީހާން، ސައީދާ، ސައިފް، ރިޝްފާ، ނިޒާމް އަދި މަރިޔަމް ނާޒިމާ ހާޒިރުވެވަޑައިގެން ތިއްބެވިކަމަށް ޑެޕިއުޓީ މޭޔަރު ވިދާޅުވިއެވެ.
އާންމު އުސޫލުން މާލެ ސިޓީ ކައުންސިލްގެ ރަސްމީ ޖަލްސާތައް ބާއްވަމުން އަންނަނީ ކޮންމެ ހަފުތާއެއްގެ ބުދަ ދުވަހު ކަމަށް ވީނަމަވެސް، މިއަދުގެ ޖަލްސާއަކީ ކައުންސިލަރުންނާ މަޝްވަރާކުރުމެއް ނެތި ކުއްލިއަކަށް އަންގާރަ ދުވަހަށް އެޖެންޑާ ކުރެވުނު ޖަލްސާއެއްކަމަށް އަރީޝް ވިދާޅުވިއެވެ. އަދި މިގޮތަށް ކުއްލިއަކަށް ޖަލްސާ އެޖެންޑާ ކުރެއްވީ ކޯރަމް ހަމަނުވުމުގެ އިލްޒާމު ކައުންސިލަރުންގެ ބޮލުގައި އެޅުވުމުގެ ބޭނުމުގައި ކަމަށް ބެލެވޭކަމަށްވެސް އޭނާ ތުހުމަތު ކުރެއްވިއެވެ.
މިއަދުގެ ޖަލްސާ ކެންސަލްކޮށްފައިވާއިރު، ޖަލްސާގެ އެޖެންޑާގައި ސިނަމާލެ ފްލެޓްތަކުގެ ޖޫރިމަނާ މައާފްކޮށްދިނުމުގެ މައްސަލަ ހިމަނާފައިވާކަން ފާހަގަކޮށްލެވެއެވެ. ނަމަވެސް މިއީ މިއަހަރުގެ ޖެނުއަރީ މަހުގެ 5 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ނިންމަވައި، ޖެނުއަރީ 7 ވަނަ ދުވަހު އެކަން ތަންފީޒުކުރުމަށް ސިޓީ ކައުންސިލަށް އަންގަވާފައިވާ ކަމެއްކަމަށް އަރީޝް ވިދާޅުވިއެވެ. އެހެންކަމުން މާކުރިން ނިމިފައިވާ ކަމެއް މި ޖަލްސާއަށް އެޖެންޑާކުރުމާއި، ކޯރަމް ހަމަވެފައި އޮއްވާ ޖަލްސާ ކެންސަލް ކުރުމަކީ ސުވާލު އުފެދޭ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.
މިކަމާ ގުޅިގެން ޑެޕިއުޓީ މޭޔަރު ވަނީ މޭޔަރު އާޒިމް މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުންކުރައްވައި، ރައްޔިތުންނާއި ކައުންސިލަރުންގެ ހައްގުތަކަށް އަރައިގަންނަމުންދާ ކަމަށް ވިދާޅުވެ ފާޑުވިދާޅުވެފައެވެ. އަދި މިއީ ކައުންސިލަރުންގެ ބަހެއް ހޯދުމެއް ނެތި، ޚުދުމުޚްތާރުކޮށް ކަންކަން ނިންމައި ގާނޫނާ ޚިލާފަށް ހިންގަމުންދާ ބޮޑު އިހުމާލެއްގެ ގޮތުގައި އަރީޝް ވަނީ ފާހަގަކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ