އަމިއްލަ ގޮތުން ވާދަކުރާ އެއްވެސް ކެންޑިޑޭޓަކަށް ޕީއެންސީގެ ތާއީދެއް ނޯންނާނެ: ފަލާހު

އަމިއްލަ ގޮތުން ވާދަކުރާ އެއްވެސް ކެންޑިޑޭޓަކަށް ޕީއެންސީގެ ތާއީދެއް ނޯންނާނެ: ފަލާހު

Author
ހުސައިން
17 ފެބްރުއަރީ 2026 09:39
0

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބުގައި ވާދަކުރާ އެއްވެސް މިނިވަން ކެންޑިޑޭޓަކަށް ސަރުކާރު ހިންގާ ޕީއެންސީގެ ތާއީދު ނޯންނާނެ ކަމަށް އެ ޕާޓީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.

މާފަންނުގައި ބޭއްވި ޕީއެންސީގެ ކެމްޕެއިން ހަރަކާތެއްގައި ވާހަކަދައްކަވަމުން އިނގުރައިދޫ ދާއިރާގެ މެންބަރު ފަލާހު ވިދާޅުވީ، ބައެއް ދާއިރާތަކަށް އަމިއްލަ ގޮތުން ނުކުމެ ތިބި ކެންޑިޑޭޓުންނަކީ ސަރުކާރުގެ ތާއީދު އޮތް ބައެއް ކަމަށް ބުނެ އަޑުފަތުރަމުންދާ ކަމަށެވެ. ނަމަވެސް އެއީ ހަގީގަތެއް ނޫންކަން ފާހަގަކުރައްވައި ފަލާހު ވިދާޅުވީ، ޕާޓީއަށާއި ރައީސުލްޖުމްހޫރިއްޔާއަށް މުހިންމީ ހަމައެކަނި ޕާޓީގެ ޓިކެޓުގައި ވާދަކުރައްވާ ރަސްމީ ކެންޑިޑޭޓުންނަށް އިންތިހާބު ކާމިޔާބު ކޮށްދިނުން ކަމަށެވެ. އަދި އަމިއްލަ ގޮތުން ވާދަކުރާ އެއްވެސް ފަރާތަކަށް ޕާޓީގެ ތާއިދު ނެތްކަން އޭނާ ވަނީ ސާފުކޮށްދެއްވާފައެވެ.

މީގެ އިތުރުން، އިންތިހާބު ކާމިޔާބު ކުރުމަށްފަހު ޕާޓީއާ ގުޅިގެން އަމިއްލަ މަންފާ ހޯދިދާނެ ކަމަށް ބައެއް އަމިއްލަ ކެންޑިޑޭޓުންނަށް ހީވިޔަސް، އެއީ ރަނގަޅު ވިސްނުމެއް ނޫން ކަމަށް ފަލާހު ވިދާޅުވިއެވެ. މި އިންތިހާބުގައި ޕީއެންސީގެ ފަރާތުން ބޮޑު ސަމާލުކަމެއް ދެނީ ޕާޓީގެ ރަސްމީ ކެންޑިޑޭޓުންނަށް ކަމަށާއި، އެ ކެންޑިޑޭޓުންނަކީ ރައްޔިތުންނަށް އިހުލާސްތެރި، ގާބިލު އަދި ދަތިތައް ހައްލުކުރުމުގެ އަމަލީ ތަޖުރިބާ ހުރި ބޭފުޅުން ކަމަށް އޭނާ ސިފަކުރެއްވިއެވެ.

އިދިކޮޅު އެމްޑީޕީގެ ފިކުރަކީ ގައުމަށް ފަނާކުރަނިވި ފިކުރެއްގެ ގޮތުގައި ސިފަކުރައްވައި، ފަލާހު ވިދާޅުވީ ޕީއެންސީގެ ފިކުރަކީ ގައުމު ބިނާކުރުމުގެ ފިކުރު ކަމަށެވެ. އަދި ޕީއެންސީގެ ވެރިކަމެއްގައި ރާއްޖެއަށް އަންނަ ހަގީގީ ތަރައްގީ އާއި ކުރިއެރުން ކުރިއަށް އޮތް ދުވަސްތަކުގައި ފެނިގެންދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ސަރުކާރުގެ އިގްތިސާދީ ސިޔާސަތުތަކަށް އަލިއަޅުއްވާލައްވައި ފަލާހު ވިދާޅުވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި އޮތީ އެންމެ ދެ މިލިއަން ޑޮލަރު ކަމަށެވެ. ނަމަވެސް މި ސަރުކާރުގެ ހަރުދަނާ ފިޔަވަޅުތަކާއެކު އެ އަދަދު މިހާރު އެއް ބިލިއަން ޑޮލަރަށް އިތުރުކޮށްފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އަދި އެމްޑީޕީއަށް ކުޑަ ވަގުތުކޮޅަކަށް ވެރިކަން ލިބުނު ނަމަވެސް އެ ފައިސާކޮޅު އަނެއްކާވެސް ދެ މިލިއަން ޑޮލަރަށް ތިރިކޮށްލާނެ ކަމަށް ވިދާޅުވެ، ރައްޔިތުން މިކަންކަމާމެދު ފުންކޮށް ވިސްނުމަށް ފަލާހު ވަނީ ގޮވާލައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.