ފ. އަތޮޅާއި ދ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ގެ ފެރީ ދަތުރުތައް މާދަމާ ފަށަން ނިންމައި، ފުރަތަމަ ހަފްތާގައި އެ ދެ އަތޮޅު ރައްޔިތުންނަށް ހިލޭ ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖައްސައިފި އެވެ.
ޓްރާންސްޕޯޓް މިނިސްޓްރީން މިއަދު ހާމަކުރި ގޮތުގައި އެ ދެ އަތޮޅުގައި ހިދުމަތް ރަސްމީކޮށް ފެށުމަށް މިހާރު ވަނީ ތައްޔާރުވެފަ އެވެ. މި ހިދުމަތް ފޯރުކޮށްދޭ އެމްޓީސީސީން މައުލޫމާތު ދޭ ގޮތުގައި، މާދަމާއިން ފެށިގެން އެއް ހަފްތާގެ މުއްދަތަށް އެއްވެސް އަގަކާ ނުލައި ދަތުރުކުރެވޭނެ އެވެ. ނަމަވެސް، މި ހިނގާ މަހުގެ 25 ވަނަ ދުވަހުން ފެށިގެން ދަތުރުކުރެވޭނީ އާރްޓީއެލް ވެބްސައިޓް ނުވަތަ މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓް ނަގައިގެންނެވެ.
މި ދެ އަތޮޅުގައި ފެރީގެ ނިޒާމު ގާއިމުކުރެވުމާއެކު، އާރްޓީއެލްގެ ވިއުᱜައިގެ ތެރެއިން ގުޅާލެވުނު އަތޮޅުތަކުގެ ޖުމްލަ އަދަދު 14 އަށް އަރާނެ އެވެ. ސަރުކާރުން މި ހިދުމަތް ދިނުމަށް ހަވާލުކޮށްފައިވަނީ އެމްޓީސީސީއާ ކަމަށްވާއިރު، މި މަޝްރޫއު ކުރިއަށް ގެންދަނީ މައިގަނޑު ތިން ފިޔަވައްސަކަށް ބަހާލައިގެން، ހަ ޒޯނެއް ހިމެނޭ ގޮތަށެވެ.
ޖުމްލަ 800 މިލިއަން ރުފިޔާގެ ބަޖެޓަކުން ހިންގާ މި ބިޔަ މަޝްރޫއު ފަށާފައިވަނީ 2022 ވަނަ އަހަރު އެވެ. މި މަޝްރޫއުގެ މައިގަނޑު އަމާޒަކީ ރައްޔިތުންނަށް ފަސޭހަކަމާއެކު އަދި ހެޔޮ އަގުގައި ކަނޑު ދަތުރުފަތުރުގެ ހިދުމަތް ފޯރުކޮށްދީ، އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން ފައިދާހުރި ވަރުގަދަ ދަތުރުފަތުރުގެ ނިޒާމަކުން ރާއްޖެ ގުޅާލުން ކަމަށް އެ ކުންފުނިން ބުނެ އެވެ.
ކޮމެންޓު ފޮނުވާ