ރިޔާސީ އިންތިހާބު ނިމޭތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ބޭއްވުމަކީ ސިޔާސީ ގޮތުން އެންމެ ފައިދާހުރި ގޮތް ނޫން ކަމަށާއި، ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި މަޖިލިސް އިންތިހާބު ބާއްވަން އެންމެ ރަނގަޅީ ރިޔާސީ ދައުރުގެ މެދުތެރެއިން ކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
ޅ. ކުރެންދޫގައި އެމްޑީޕީގެ ޖަގަހައެއް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޞާލިހު ފާހަގަކުރެއްވި ގޮތުގައި، ވެރިކަމަށް އިންތިހާބުވާތާ ތިން މަސް ފަހުން މަޖިލިސް އިންތިހާބު އޮތުމުން، ގާނޫނު ހަދާ މަޖިލީހުގެ ކޮންޓްރޯލް ފަސޭހަކަމާއެކު ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވައެވެ. މީގެ މިސާލެއްގެ ގޮތުން ރައީސް ޔާމީނާއި، އެމަނިކުފާނުގެ ވެރިކަމުގެ އިތުރުން މިހާރުގެ ރައީސް ޑރ. މުޢިއްޒުގެ ސަރުކާރަށް ލިބިފައިވާ ސުޕަރ މެޖޯރިޓީގެ ވާހަކަ އެމަނިކުފާނު ގެންނެވިއެވެ. ރައީސް ޞާލިހު ސިފަކުރެއްވި ގޮތުގައި މިހާރު ކަން ހިނގާ އުސޫލުންނަމަ މުޅި މަޖިލިސް އޮންނަނީ ރައީސްގެ މުށުތެރޭގައެވެ.
މިކަން ހައްލުކުރުމަށް ރައީސް ޞާލިހު ހުށަހެޅުއްވި މައިގަނޑު ހިޔާލަކީ، ވެރިކަމަށް ދެ އަހަރާއި ބައި ވުމުން "މިޑްޓާމް" އިންތިހާބެއްގެ ގޮތުގައި މަޖިލިސް އިންތިހާބު ބޭއްވުމެވެ. ނުވަތަ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު އެކުގައި ބޭއްވި ނަމަވެސް، މަޖިލީހުގެ ދައުރު ދެ އަހަރާއި ބަޔަށް ކުރުކޮށް، ދައުރުގެ މެދުން އަލުން އިންތިހާބަކަށް ދިއުމެވެ. މިއީ ސަރުކާރު ޒިންމާދާރުކުރުމަށް ކޮންމެހެން މުހިންމު ބަދަލެއްކަމަށް އެމަނިކުފާނު ދެކެވަޑައިގަންނަވައެވެ.
މިހާރުގެ ސަރުކާރުން އިންތިހާބުތައް އެއްކޮށްލުމަށް ޤާނޫނުއަސާސީއަށް ގެންނަން މަސައްކަތްކުރާ އިސްލާހުތަކަށް ފާޑުވިދާޅުވަމުން ރައީސް ޞާލިހު ވިދާޅުވީ، އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އަދި އެފަދަ ބޮޑު ބަދަލެއް ގެންނަންވާނީ ސިޔާސީ ޕާޓީތަކާއި، މަދަނީ ޖަމިއްޔާތަކާއި، ޤާނޫނީ ވަކީލުންނާވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާކުރުމަށްފަހު ކަމަށާއި، ހެޔޮ ނިޔަތެއްގައި ކުރާ ކަމެއްނަމަ އެ މަޝްވަރާތައް ކުރުމަކީ ލާޒިމުކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ