ޕޮލިސް ކޮމިޝަނަރު ނަވީން ރިޓަޔާ ކުރައްވަން ނިންމަވައިފި

ޕޮލިސް ކޮމިޝަނަރު ނަވީން ރިޓަޔާ ކުރައްވަން ނިންމަވައިފި

Author
އަހުމަދު
15 ފެބްރުއަރީ 2026 05:30
0

ދިވެހި ފުލުހުންގެ ޚިދުމަތުގައި 30 އަހަރަށްވުރެ ގިނަ ދުވަހު ޚިދުމަތް ކުރެއްވުމަށްފަހު، ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުގައި ހުންނެވި އިސްމާއިލް ނަވީން މަގާމުން ރިޓަޔާ ކުރައްވަން ނިންމަވައިފިއެވެ.

މި ސަރުކާރުގައި އައްޔަންކުރެއްވި ދެވަނަ ޕޮލިސް ކޮމިޝަނަރުގެ ގޮތުގައި، ނަވީން އެ މަގާމާ ހަވާލުވެވަޑައިގެންނެވީ މިދިޔަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހުއެވެ. އޭނާ ރިޓަޔާ ކުރައްވަން ނިންމެވިކަން މީޑިއާތަކަށް ކަށަވަރުކޮށްދެއްވާފައިވާއިރު، ފުލުހުންގެ އިސް އޮފިސަރުންނަށް ވެސް މިހާރު ވަނީ އެކަން އަންގަވާފައެވެ. ނަމަވެސް މަގާމުން ވަކިވެވަޑައިގަންނަވާ ވަކި ސަބަބެއް އަދި މިހާތަނަށް ހާމަކުރައްވާފައެއް ނުވެއެވެ.

ނަވީން ސީޕީގެ މަގާމަށް އައްޔަންކުރެވުނީ، އޭގެ ކުރިން އެ މަގާމުގައި ހުންނެވި އަލީ ޝުޖާއު މިދިޔަ އަހަރުގެ އޭޕްރީލް މަހު ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވައި، ރިޓަޔާ ކުރެއްވުމާ ގުޅިގެންނެވެ. އެ ފަހަރު ކޮމިޝަނަރުގެ މަގާމަށް ނަވީންގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ ފަރުހާދު ފިކުރީއާއި އެސިސްޓެންޓް ކޮމިޝަނަރ އަހްމަދު ޝަމީމް ވެސް ކުރިމަތިލެއްވިއެވެ.

ފާހަގަކޮށްލެވޭ ކަމެއްގެ ގޮތުގައި، ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑާ ޚިލާފަށް އަމަލުކުރެއްވި ކަމަށް ތުހުމަތުކޮށް، ނަވީން ހިމެނޭހެން ފުލުހުންގެ އިސް ވެރިންތަކެއް ސަސްޕެންޑް ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީން މިދިޔަ ނޮވެމްބަރު މަހު ލަފާދީފައިވެއެވެ. އެހެންނަމަވެސް، އެ ނިންމުމާ އެއްގޮތަށް އެއްވެސް ފިޔަވަޅެއް މިހާތަނަށް ތަންފީޒުކޮށްފައެއް ނުވެއެވެ.

ފުލުހުންގެ މުއައްސަސާގައި ދިގު މުއްދަތެއް ހޭދަކުރައްވާފައިވާ ނަވީން މަތީ ތައުލީމު ހާސިލުކުރައްވާފައިވަނީ އޮސްޓްރޭލިއާގެ ޔުނިވާސިޓީ އޮފް ސައުތަން ކުއީންސްލޭންޑާއި މެލޭޝިއާގެ ސްޓެމްފޯޑް ކޮލެޖުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.