ރަޝިޔާގެ އިދިކޮޅު ލީޑަރު ނަވަލްނީ މަރާލީ "ޑާޓް ފްރޮގް" ވިހަ ބޭނުންކޮށްގެން ކަމަށް އިނގިރޭސިވިލާތުން ބުނެފި**

ރަޝިޔާގެ އިދިކޮޅު ލީޑަރު ނަވަލްނީ މަރާލީ "ޑާޓް ފްރޮގް" ވިހަ ބޭނުންކޮށްގެން ކަމަށް އިނގިރޭސިވިލާތުން ބުނެފި**

Author
ޙަސަން މުޙައްމަދު
14 ފެބްރުއަރީ 2026 07:20
0

ރަޝިޔާގެ އިދިކޮޅު ލީޑަރު އެލެކްސީ ނަވަލްނީ މަރާލާފައިވަނީ "ޑާޓް ފްރޮގް" ޓޮކްސިންއިން އުފައްދާފައިވާ ވިހައެއް ބޭނުންކޮށްގެން ކަމަށް އިނގިރޭސިވިލާތުގެ ފޮރިން އޮފީހުން ބުނެފިއެވެ.

ސައިބީރިއާގެ ޖަލެއްގައި ނަވަލްނީ މަރުވިތާ ދެ އަހަރު ފަހުން، އޭނާގެ ހަށިގަނޑުން ފެނުނު މާއްދާތައް ތަހުލީލު ކުރުމަށްފަހު، އިނގިރޭސިވިލާތާއި އެގައުމުގެ ބައިވެރިން ވަނީ މިކަމުގެ ޒިންމާ ކްރެމްލިން (ރަޝިޔާ ސަރުކާރު) ގެ ބޮލުގައި އަޅުވާފައެވެ.

ފޮރިން އޮފީހުން ބުނި ގޮތުގައި ނަވަލްނީގެ ހަށިގަނޑުން ނެގުނު ސާމްޕަލްތަކުން ފެނުނު "އެޕިބަޓިޑިން" ކިޔާ ވިހަ މާއްދާއަކީ ގުދުރަތީ ގޮތުން ނުވަތަ އާދައިގެ ގޮތަކަށް ހަށިގަނޑަށް ވަދެދާނެ އެއްޗެއް ނޫނެވެ.

މިއުނިކް ސެކިއުރިޓީ ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން ފޮރިން ސެކްރެޓަރީ އީވެޓް ކޫޕާ ވިދާޅުވީ، "ރަޝިޔާގެ ޖަލެއްގައި ހުރި ނަވަލްނީއާ ދެކޮޅަށް މި ނުރައްކާތެރި ވިހަ ބޭނުންކުރުމުގެ ވަސީލަތާއި، މަޤްސަދާއި އަދި ފުރުސަތު އޮތީ ހަމައެކަނި ރަޝިޔާ ސަރުކާރަށެވެ." މި ހަފްތާ ބަންދުގައި ބޭއްވި މި ކޮންފަރެންސްގައި ކޫޕާ ވަނީ ނަވަލްނީގެ ހުވަފަތް އަނބިކަނބަލުން ޔޫލިއާ ނަވަލްނަޔާއާ ބައްދަލުކުރައްވާފައެވެ.

"ރަޝިޔާއިން ނަވަލްނީ ދެކުނީ ނުރައްކަލެއްގެ ގޮތުގައި،" ކޫޕާ ވިދާޅުވިއެވެ.

އަދި "މިބާވަތުގެ ވިހައެއް ބޭނުންކުރުމުން ދައްކުވައިދެނީ ރަޝިޔާ ދައުލަތުން ބޭނުންކުރާ ދަށުދަރަޖައިގެ އުކުޅުތަކާއި ސިޔާސީ އިދިކޮޅު ފަރާތްތަކަށް އެގައުމުން ގަންނަ ބިރު" ކަމަށްވެސް އޭނާ އިތުރަށް ވިދާޅުވިއެވެ.

ރަޝިޔާއަށް ކުރެވޭ މި ތުހުމަތުގައި އިނގިރޭސިވިލާތުގެ އިތުރުން ސްވިޑެން، ފްރާންސް، ނެދަލޭންޑްސް އަދި ޖަރުމަނުވިލާތުން ވެސް ވަނީ ބައިވެރިވެފައެވެ.

ކެމިކަލް ހަތިޔާރު މަނާކުރުމާބެހޭ މުއާހަދާއާ ރަޝިޔާއިން ޚިލާފުވެފައިވާ ކަމަށް ބުނެ، އިނގިރޭސިވިލާތުން އެކަން އޯގަނައިޒޭޝަން އޮން ދަ ޕްރޮހިބިޝަން އޮފް ކެމިކަލް ވެޕަންސް (އޯ.ޕީ.ސީ.ޑަބްލިއު) އަށް އަންގާފައިވާ ކަމަށް ފޮރިން އޮފީހުން ބުނެއެވެ.

ކޮރަޕްޝަނާ ދެކޮޅަށް ކެމްޕޭން ކުރެއްވި ރަޝިޔާގެ އެންމެ އަޑުގަދަ އިދިކޮޅު ލީޑަރު ނަވަލްނީ ކުއްލި ގޮތަކަށް ޖަލުގައި މަރުވީ 16 ފެބްރުއަރީ 2024 ގައި އުމުރުން 47 އަހަރުގައެވެ.

މީގެ ކުރިން 2020 ވަނަ އަހަރުވެސް އޭނާއަށް ވަނީ ނޮވިޗޮކް ނާވް އޭޖެންޓް ބޭނުންކޮށްގެން ވިހަ ދީފައެވެ. ޖަރުމަނުން ފަރުވާ ހޯއްދެވުމަށްފަހު އެނބުރި ރަޝިޔާއަށް ވަޑައިގަތުމުން އެއާޕޯޓުން އޭނާ ހައްޔަރުކުރިއެވެ.

މިއަދުގެ މި އިއުލާނުގެ ކުރިންވެސް، ނަވަލްނީގެ އަނބިކަނބަލުން ޔޫލިއާ ދިޔައީ އާކްޓިކް ޕީނަލް ކޮލޮނީގައި ޖަލު ހުކުމް ތަންފީޒު ކުރަމުން ދަނިކޮށް އޭނާގެ ފިރިކަލުން މަރާލީ ވިހަ ދީގެން ކަމަށް ތަކުރާރުކޮށް ވިދާޅުވަމުންނެވެ.

މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ޔޫލިއާ ނަވަލްނަޔާ ވިދާޅުވެފައިވަނީ، ސިއްރުން ނެރުނު ބަޔޮލޮޖިކަލް ސާމްޕަލްތަކެއް ދެ ގައުމެއްގެ ލެބޯޓްރީތަކުން ތަހުލީލުކުރުމުން، އޭނާގެ ފިރިކަލުން ވަނީ "މަރާލާފައި" ކަން ދައްކާ ކަމަށެވެ.

އޭރު ބޭނުންކުރި ވިހައާ ބެހޭ ތަފްސީލެއް އަދި ސާމްޕަލްތަކާއި ތަހުލީލުތަކާ ބެހޭ ތަފްސީލެއް އޭނާ ހާމައެއް ނުކުރައްވައެވެ. ނަމަވެސް އެ ނަތީޖާތައް އާންމުކުރުމަށް އޭނާ ވަނީ އެ ދެ ލެބޯޓްރީއަށް ގޮވާލައްވާފައެވެ.

ނަވަލްނީ މަރުވިއިރު، އޭނާ ޖަލުގައި ހުންނަވާތާ ތިން އަހަރު ވެފައިވާއިރު، އޭނާގެ މައްޗަށް ކޮށްފައިވަނީ ނުހައްގު ދައުވާތަކެކެވެ. އަދި އޭނާ އާކްޓިކް ސަރކަލް ޕީނަލް ކޮލޮނީއަށް ބަދަލުކުރީ އޭގެ ކުޑަ ދުވަސްކޮޅެއް ކުރިންނެވެ.

ރަޝިޔާއިން ބުނާ ގޮތުގައި، އުމުރުން 47 އަހަރުގެ ނަވަލްނީ ޖަލުގައި ހިންގަވާލެއްވުމަށްފަހު، މީހާއަށް އުނދަގޫތަކެއް ވާކަމަށް ބުނެ ވެއްޓުނީއެވެ. އަދި އޭގެ ފަހުން ހޭ ނުއަރައެވެ.

ހަމަ އެދުވަހު އޭނާ މަރުވެފައިވާކަން ނަވަލްނީގެ އާއިލާއިން ވަނީ ކަށަވަރުކޮށްދީފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.