ނިމިދިޔަ 2025 ވަނަ އަހަރު ރާއްޖޭގެ ކޯޓުތަކުން 20،000 އަށްވުރެ ގިނަ މައްސަލަ ނިންމައި ހުކުމް ކޮށްފައިވާކަމަށް އުއްތަމަ ފަނޑިޔާރު އަބްދުލްޣަނީ މުޙައްމަދު ވިދާޅުވެއްޖެއެވެ.
"ގަޟާޢީ އަހަރު 2026″ އިފްތިތާޙު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވި ގޮތުގައި، ޝަރުޢީ ދާއިރާއިން ވަނީ މިދިޔަ އަހަރު ބޮޑެތި ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން 2024 ވަނަ އަހަރު ކޯޓުތަކުގެ ކޭސް ކްލިއަރެންސް ރޭޓް ނުވަތަ މައްސަލަ ނިންމާ މިންވަރު %96 ގައި ހުރިއިރު، 2025 ވަނަ އަހަރު މި އަދަދު ވަނީ %107 އަށް އަރާފައެވެ. މިއީ އޭގެ ކުރީ އަހަރާ އަޅާބަލާއިރު %11 ގެ ކުރިއެރުމެކެވެ.
ކޯޓުތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު އަލަށް 20،898 މައްސަލަ ރަޖިސްޓްރީ ކުރެވުނެވެ. އަދި އޭގެ ކުރީ އަހަރުން ބާކީ ހުރި 13،351 މައްސަލައާއެކު، ޖުމްލަ 34،242 މައްސަލައެއްގެ ޝަރުޢީ އަދި އިޖުރާއީ މަސައްކަތްތައް ކޯޓުތަކުން ކުރިއަށް ގެންދިޔައެވެ. މީގެ ތެރެއިން އަހަރު ނިމުނުއިރު 20،442 މައްސަލައެއްގައި ވަނީ ހުކުމްކޮށް ނިންމާފައެވެ. އުއްތަމަ ފަނޑިޔާރު ވިދާޅުވި ގޮތުގައި ކޯޓުތަކަށް ދިމާވެފައިވާ ޒަމާންވީ ދަތިތަކާއެކުވެސް، ފަނޑިޔާރުންނާއި މުވައްޒަފުން މި ނަތީޖާ ހޯދާފައިވަނީ ސާބިތުކަމާއެކު ކުރެއްވި ބުރަ މަސައްކަތުންނެވެ.
އެހެންނަމަވެސް، އެކި ސަބަބުތަކާހުރެ ނުނިމި ދިގުލައިގެން ގޮސްފައިވާ މައްސަލަތައް އެބަހުއްޓެވެ. އެގޮތުން އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ 1،332 މައްސަލަ އަދިވެސް ނުނިމި އެބަހުރިކަން އުއްތަމަ ފަނޑިޔާރު ފާހަގަކުރެއްވިއެވެ. މިއަހަރުގެ ތެރޭގައި ގާތްގަނޑަކަށް 21،000 އާ މައްސަލަ ކޯޓުތަކަށް ހުށަހެޅޭނެ ކަމަށް ލަފާކުރެވުނު ނަމަވެސް، ޝަރުޢީ ދާއިރާގެ އަމާޒަކީ މިހާރު ހުރި ކާމިޔާބީ ދަމަހައްޓައި، އެއް އަހަރަށްވުރެ ގިނަ ދުވަސްވީ ހުރިހާ މައްސަލައެއް މިއަހަރުގެ ނިޔަލަށް ނިންމާލުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ކޮމެންޓު ފޮނުވާ