އެމްޑީޕީގެ ކައުންސިލް އިންތިޚާބުގެ "ހޭވައްލާ ތައްޔާރު" ކެމްޕެއިން ލޯންޗު ކޮށްފި

އެމްޑީޕީގެ ކައުންސިލް އިންތިޚާބުގެ "ހޭވައްލާ ތައްޔާރު" ކެމްޕެއިން ލޯންޗު ކޮށްފި

Author
އަހުމަދު
13 ފެބްރުއަރީ 2026 10:10
0

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް ޚާއްސަކޮށްގެން، މައި އިދިކޮޅު ޕާޓީ (އެމްޑީޕީ) އިން ކުރިއަށް ގެންދާ "ހޭވައްލާ ތައްޔާރު" ކެމްޕެއިން މިރޭ ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

މި ކެމްޕެއިން ލޯންޗުކުރުމަށް ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އެ ޕާޓީގެ ރައީސް ޢަބްދުالله ޝާހިދު ވަނީ ސަރުކާރުން ރައްޔިތުންނަށް ވަޒީފާގެ ބިރުދައްކަމުންދާ ކަމަށް ވިދާޅުވެ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ޝާހިދު ވިދާޅުވީ ސަރުކާރު ހިއްސާވާ ކުންފުނިތައް މެދުވެރިކޮށް ވަޒީފާ ދިނުމަށްފަހު، ރައްޔިތުން "މުސާރައިގެ އަޅުންނަށް" ހަދައި، ސިޔާސީ ފިކުރަށް ބަލައި ވަޒީފާއިން ވަކިކުރަމުންދާ ކަމަށެވެ. މިގޮތުން ތިނަދޫ ސިޓީގެ ވެމްކޯގައި މަސައްކަތްކުރާ މުވައްޒަފުންތަކެއް އެމްޑީޕީ ކެންޑިޑޭޓުންނަށް ތާއީދުކުރާތީ އެހެން ރަށްރަށަށް ބަދަލުކޮށްފައިވާކަން ފާހަގަކުރައްވައި، މިފަދަ ބިރުދެއްކުންތައް ހުއްޓުވޭނީ ކައުންސިލްތައް ބާރުވެރިކުރުވައިގެން ކަމަށް އޭނާ ވިދާޅުވިއެވެ.

އިންތިޚާބުތައް އެއްކޮށްލުމަށް ސަރުކާރުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން ޝާހިދު ވިދާޅުވީ، އެކަމުގެ އަޑީގައި އޮތީ މަކަރާއި ހީލަތް ކަމަށެވެ. އިންތިޚާބު އެއްކޮށްލައިގެން ސަލާމަތްވާނެ ކަމަށް ބުނާ 20 މިލިއަން ރުފިޔާއަކީ ސިޔާސީ 30 މުވައްޒަފުން މަދުކޮށްލައިގެން ވެސް ސަލާމަތް ކުރެވޭނެ އަދަދެއް ކަމަށާއި، ސަރުކާރުގެ ހަގީގީ ބޭނުމަކީ ރައްޔިތުން ބަސްބުނުމުގެ ފުރުސަތު ހަނިކުރުން ކަމަށް އޭނާ ސިފަކުރެއްވިއެވެ.

ސަރުކާރުގެ މިސްރާބު ޚުދުމުޚުތާރު ވެރިކަމަކާ ދިމާލަށް ހުރިކަމަށް އިންޒާރު ދެއްވަމުން، މިއަދު މަޖިލީހުގެ ދައުރު ކުރުކުރަން އަހާ ފަދައިން، މާދަމާ ރައީސުލްޖުމްހޫރިއްޔާގެ ދައުރު 10 އަހަރަށް ދިގުކުރަން ވެސް އަހާފާނެ ކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވަނީ މިއީ "ވަގުތީ ސަރުކާރެއް" ކަމަށް ސިފަކުރައްވައި، ކުރިއަށް އޮތް އިންތިޚާބުގައި ކައުންސިލް ގޮނޑިތައް އެމްޑީޕީއަށް ކާމިޔާބުކޮށްދީ ސަރުކާރު ބަލިކުރުމަށް ސަޕޯޓަރުންނަށް ގޮވާލައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.