ޔޫއޭވީ ޕައިލެޓުންނާއި އިންޖިނިއަރުން އައްޑޫގައި ތަމްރީނުކުރަން މިއަހަރު ފަށަނީ

ޔޫއޭވީ ޕައިލެޓުންނާއި އިންޖިނިއަރުން އައްޑޫގައި ތަމްރީނުކުރަން މިއަހަރު ފަށަނީ

Author
ޙަސަން މުޙައްމަދު
12 ފެބްރުއަރީ 2026 12:03
0

ދިވެހި ސިފައިންގެ ޚިދުމަތުގައި ބޭނުންކުރާ ޔޫއޭވީ ނުވަތަ ޑްރޯންތައް އޮޕަރޭޓްކުރާނެ ޕައިލެޓުންނާއި އިންޖިނިއަރުން ރާއްޖޭގައި ތަމްރީނު ކުރުމުގެ މަސައްކަތް މިއަހަރު އައްޑޫ ސިޓީގައި ފަށްޓަވާނެކަމަށް ދިފާއީ ވަޒީރު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ބަސްދީގަތުމެއްގައި ވަޒީރު ވިދާޅުވީ، މި ތަމްރީނުތައް ކުރިއަށް ގެންދާނީ އައްޑޫގައި ޤާއިމުކޮށްފައިވާ ޓްރެއިނިންގ ސެންޓަރުގައި ކަމަށެވެ. މިކަމަށް ޚާއްޞަކޮށްގެން ގަން އެއަރ ސްޓޭޝަންގައި ސިމިއުލޭޓަރތައް ޤާއިމުކޮށްފައި ހުރިއިރު، ތަމްރީނުތަކަށް މީހުން ހޮވުމުގައި އިސްކަންދޭނީ ސިފައިންގެ ތެރެއިން މި ދާއިރާއަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށެވެ. އަދި އެ ފަރާތްތައް ހޮވުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.

މި ތަމްރީނުތައް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެކުވެރި ޤައުމުތަކުގެ ތަޖުރިބާކާރުން ރާއްޖެ ގެނެސްގެންނެވެ. ވަޒީރު ވިދާޅުވި ގޮތުގައި ބޭރުގެ ޤައުމުތަކުގެ ކޯސްތައް ފަރުމާކޮށްފައި ހުންނަނީ އެ ޤައުމެއްގެ މާހައުލާ ގުޅޭގޮތަށް ކަމަށްވިޔަސް، ރާއްޖޭގައި ހިންގާ ތަމްރީނުތައް ބައްޓަންކުރާނީ ދިވެހިރާއްޖޭގެ މާހައުލާއި ސަލާމަތީ ބޭނުންތަކަށް ފެތޭގޮތަށް އެޑަޕްޓް ކޮށްގެންނެވެ. މީގެ މައިގަނޑު ބޭނުމަކީ ދިވެހި ޤައުމު ސަލާމަތްކުރުމަށް ދިވެހި ސިފައިން ތައްޔާރުވެ ތިބުމެވެ.

އެމްއެންޑީއެފް އެއަރ ކޯރގެ ޚިދުމަތް 2024 ވަނަ އަހަރު އިފްތިތާޙްކޮށްފައިވާއިރު، މިހާރު މި ޚިދުމަތުގައި ހަރަކާތްތެރިވަމުން އަންނަނީ ތުރުކީވިލާތުން ތަމްރީނު ހޯދާފައިވާ ދިވެހި ސިފައިންނެވެ. ރާއްޖޭގެ ވައިގެ ސަރަހައްދު ބެލެހެއްޓުމަށް ބޭނުންކުރާ މި ޒަމާނީ އުޅަނދުތައް ދުއްވުމާއި އިންޖިނިއަރިންގެ މަސައްކަތްތައްވެސް މިހާރު ފުރިހަމައަށް ކުރަމުން ގެންދަނީ ދިވެހި ސިފައިންކަން ފާހަގަކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.