ރާއްޖެ ފަދަ ނާޒުކު ގައުމުތަކަށް މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ބޭނުންވާ މާލީ އެހީ ނުވަތަ "ކްލައިމެޓް ފައިނޭންސް" ލިބޭނެ ގޮތްތައް ފަސޭހަވެ، އެކަން ދުރާލާ ކަށަވަރުވެފައި އޮތުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ފާހަގަކުރައްވައިފިއެވެ.
ރައީސް މިކަމަށް ގޮވާލެއްވީ، ޖަރުމަނުވިލާތަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ބާލިންގެ ހުމްބޯލްޑްޓް ޔުނިވަރސިޓީއަށް ޒިޔާރަތްކުރައްވައި ދެއްވި ތަގުރީރުގައެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި، ދުނިޔެ ހޫނުވުމަށް މެދުވެރިވާ ވިހަ ގޭސް ބޭރުކުރާ ނިސްބަތް ރާއްޖެއިން ވަރަށް ކުޑަ ނަމަވެސް، މޫސުމީ ބަދަލުތަކުގެ ނުރައްކާ އެންމެ ބޮޑަށް ކުރިމަތިވެފައިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަން ފާހަގަކުރެއްވިއެވެ.
އެހެންކަމުން މޫސުމީ ބަދަލުތަކަށް ހޭނުމަކީ ރާއްޖެއަށް އިހުތިޔާރީ ކަމެއް ނޫން ކަމަށާއި، އެއީ ގައުމުގެ ދެމިއޮތުމާއި، ސަގާފަތާއި އަމިއްލަވަންތަކަން ހިމާޔަތްކުރުމަށް ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މިފަދަ ގައުމުތަކަށް އެޑަޕްޓޭޝަން ފައިނޭންސް ލިބުމަކީ މޫސުމީ އިންސާފާ ގުޅިފައިވާ ކަމެއްގެ ގޮތުގައި އެމަނިކުފާނު ސިފަކުރެއްވިއެވެ.
ގައުމީ ތަރައްގީގެ ޕްލޭންތަކާއި ބަޖެޓު އެކުލަވާލުމުގައި ސައިންޓިފިކް ހޯދުންތަކަށް ބުރަވުމުގެ މުހިންމުކަމަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، ފިޔަވަޅުތައް އެޅުން ލަސްކޮށްފިނަމަ މުސްތަގުބަލުގައި ކުރަންޖެހޭ ހޭދަ އެތައް ގުނައަކަށް ބޮޑުވެގެންދާނެ ކަމަށެވެ. އެހެންކަމުން ތަރައްގީއާއި މޫސުމީ ކަންކަމަށް އަހުލުވެރިވުމަކީ ވަކިނުކުރެވޭނެ، އެކުއެކީގައި ކުރިއަށްދާންޖެހޭ ދެ ކަމެކެވެ.
ރައީސްގެ ތަގުރީރުގައި އިތުރަށް ވިދާޅުވީ، މޫސުމީ ބަދަލުތަކަކީ ވަކި ބޯޑަރެއް ނެތް ކަމަކަށްވުމުން، އެކަމާ ކުރިމަތިލުމަށް ބޭނުންވަނީ ހަނި މަސްލަހަތުތަކާއި ކުރު މުއްދަތުގެ ފައިދާއިން އެއްކިބާވެފައިވާ، ދުރު މުސްތަގުބަލަށް އަމާޒުކުރާ އިލްމީ ހައްލުތަކެއް ކަމަށެވެ.
ކޮމެންޓު ފޮނުވާ