ފަހި ފްލެޓެއް ލޭބާ ކުއާޓަރަކަށް ހެދި މައްސަލައިގައި ބޮޑު ޖޫރިމަނާއެއް، ބިދޭސީން ނެރެން މުހުލަތެއް

ފަހި ފްލެޓެއް ލޭބާ ކުއާޓަރަކަށް ހެދި މައްސަލައިގައި ބޮޑު ޖޫރިމަނާއެއް، ބިދޭސީން ނެރެން މުހުލަތެއް

Author
ހުސެއިން
11 ފެބްރުއަރީ 2026 07:01
0

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ދޫކޮށްފައިވާ ސޯޝަލް ހައުސިން ފްލެޓެއްގައި ގަވާއިދާ ޚިލާފަށް ލޭބާ ކުއާޓަރެއް ހިންގަމުންދިޔަ މައްސަލައެއް ފަޅާއަރައި، އެ ފްލެޓުގެ ވެރިފަރާތް ބައިލައްކަ ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

މިކަން ހާމަކުރައްވައި އެފްޑީސީގެ މެނޭޖިން ޑިރެކްޓަރު ޙަމްދާން ޝަކީލް ވިދާޅުވީ، ކޯޕަރޭޝަނުގެ މުވައްޒަފުން ކުރި އިންސްޕެކްޝަނެއްގައި ފަހި ފްލެޓެއްގެ ތެރޭގައި ލޭބާ ކުއާޓަރެއް ހިންގާކަން ފާހަގަވެފައިވާ ކަމަށެވެ. އެހެންކަމުން ފްލެޓުގެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ އުސޫލުތަކުގެ ދަށުން އެ ފަރާތް 50،000 ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ. މީގެ އިތުރުން، ކުރިއަށް އޮތް 10 ދުވަހުގެ ތެރޭގައި އެތަނުގައި ތިބި ބިދޭސީން އެތަނުން ނެރުމަށް އަންގާފައިވާ ކަމަށާއި، އެ މުއްދަތުގައި އެކަން އިސްލާހު ނުކޮށްފިނަމަ އެއްބަސްވުމާ އެއްގޮތަށް އަޅަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމުގެ އިންޒާރުވެސް ވަނީ ދީފައެވެ.

މި މައްސަލައިގެ އިތުރުން، ފަހި ޓަވަރު ސަރަހައްދަށް ކުނިއެޅި މައްސަލައެއްގައި އިތުރު ދެ މީހަކު ވެސް ވަނީ ޖޫރިމަނާކޮށްފައެވެ. އެއިން ކޮންމެ މީހަކު ޖޫރިމަނާކޮށްފައިވަނީ 8،000 ރުފިޔާއިންނެވެ. ފަހި ފްލެޓުތަކަކީ ކުރީ ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ދޫކުރި 4،000 ޔުނިޓެވެ.

ސޯޝަލް ހައުސިން ޔުނިޓްތައް ބިދޭސީންނަށް ކުއްޔަށް ދޫކުރުމާއި، ބޮޑު އަގުގައި ސަބްލީސް ކުރުމުގެ މައްސަލަތައް ފަހަކަށް އައިސް ވަނީ އިތުރުވެފައެވެ. މިދިޔަ ޑިސެމްބަރު މަހު އެޗްޑީސީން ވެސް ވަނީ ހުޅުމާލޭގެ ފްލެޓްތަކުގައި ތިބި ބިދޭސީން ހުސްކުރުމަށް އަންގައި، އެކަން ނުކޮށްފިނަމަ ފްލެޓް އަތުލާނެ ކަމަށް ބުނެފައެވެ. އަދި ސަރުކާރުން ކުލި ކުޑަކޮށް ލުއިތައް ދެމުންދާއިރު، ނާޖާއިޒު ފައިދާ ނަގައި ބޮޑު އަގުގައި ފްލެޓް ކުއްޔަށް ދިނުން ހުއްޓުވުމަށް ޤާނޫނީ ގޮތުން ގެންނަންޖެހޭ ބަދަލުތައް ގެންނަވާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު ވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.