ފަހި ޓަވަރު ސަރަހައްދަށް ކުނިއެޅި ދެ މީހަކު ޖޫރިމަނާކޮށް، އެފްޑީސީން ފިޔަވަޅު އަޅަން ފަށައިފި

ފަހި ޓަވަރު ސަރަހައްދަށް ކުނިއެޅި ދެ މީހަކު ޖޫރިމަނާކޮށް، އެފްޑީސީން ފިޔަވަޅު އަޅަން ފަށައިފި

Author
ހުސައިން
11 ފެބްރުއަރީ 2026 06:59
0

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ހުންނަ ފަހި ޓަވަރުތައް ހިމެނޭ ސަރަހައްދަށް ގަވާއިދާ ޚިލާފަށް ކުނި އެޅި ދެ މީހަކު، ޖުމްލަ 8،000 ރުފިޔާއިން ޖޫރިމަނާކޮށްފިއެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) ގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް ވިދާޅުވި ގޮތުގައި މި ފިޔަވަޅު އަޅާފައިވަނީ އެ ސަރަހައްދަށް ކުނި އެޅިކަމުގެ ހެކި ލިބުމާ ގުޅިގެންނެވެ. މީގެ ތެރެއިން އެކަކު 5،000 ރުފިޔާއިން ޖޫރިމަނާކުރިއިރު، ދެވަނަ މީހާ ޖޫރިމަނާކޮށްފައިވަނީ 3،000 ރުފިޔާއިންނެވެ. މި ފިޔަވަޅުތައް އަޅަން ފެށުމާއެކު، އެ ސަރަހައްދަށް ކުނި އަޅާ މިންވަރު ފާހަގަކުރެވޭ ވަރަށް މަދުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހަމްދާން ފާހަގަކުރެއްވި ގޮތުގައި ބައެއް ފަރާތްތަކުން ހުސް ފޮށިގަނޑުތައް އުކާލާއިރު، އޭގެ ތެރެއަށް ކުނިވާ ޒާތުގެ ތަކެތި އަޅާފައި ހުރުމުގެ ސަބަބުން ކުނިވެ، މުޅި ސަރަހައްދުގައި ނުބައި ވަސް ހިފާގޮތް ވެއެވެ. މި މައްސަލަ ހައްލުކުރުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން، ހޯމަ ދުވަހުގެ ރޭ އެކަނިވެސް އެ ސަރަހައްދުން 25 ޓަނުގެ (17 ލޮރީ) ކުނި ވަނީ ނަގާފައެވެ. މީގެ އިތުރުން، ބައެއް ފްލެޓްތަކުގެ ވެރިން ކުނި ބެހެއްޓުމަށްފަހު ފޮޓޯ ނަގައި ކޮމިއުނިޓީ ގްރޫޕްތަކަށް ލާކަން ފާހަގަވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ފްލެޓްތަކުގައި ދިރިއުޅޭ މީހުންގެ އިތުރުން، އޭސީ ހަރުކުރުން ފަދަ މަސައްކަތްތަކަށް ދާ ފަރާތްތަކުން ވެސް އެ ތަނަށް ކުނި އަޅާކަން އެފްޑީސީއަށް ވަނީ ފާހަގަވެފައެވެ. ހަމްދާން ވިދާޅުވީ އެފަދަ ކުންފުނިތަކާ މެދު ސީދާ ފިޔަވަޅު ނޭޅުނު ނަމަވެސް، ފުލުހުން މެދުވެރިކޮށް ތިމާވެށީގެ ގާނޫނުގެ ދަށުން އެ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ފްލެޓްތަކުގެ ކޮރިޑޯގައާއި ތިރީގައި ގަވާއިދާ ޚިލާފަށް ކުނި ޖަމާކުރުމަކީ އޭގެ ސަބަބުން އަލިފާނުގެ ހާދިސާތައް ހިނގުމަށް މަގުފަހިވާ ކަމެއްކަން ފާހަގަކޮށް، އެފްޑީސީން ވަނީ ފްލެޓް އެއްބަސްވުމާ އެއްގޮތަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައެވެ. އަދި ގަވާއިދާ ޚިލާފުވާ ފަރާތްތައް ޖޫރިމަނާކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.