ވައިބާ ހެކްކޮށް 1.5 ލައްކަ ރުފިޔާ ވަގަށް ނެގި މައްސަލަ: އަޒުރާހުގެ ބަންދަށް އިތުރު 30 ދުވަސް

ވައިބާ ހެކްކޮށް 1.5 ލައްކަ ރުފިޔާ ވަގަށް ނެގި މައްސަލަ: އަޒުރާހުގެ ބަންދަށް އިތުރު 30 ދުވަސް

Author
ޙަސަން މުޙައްމަދު
11 ފެބްރުއަރީ 2026 02:08
0

މީހެއްގެ ވައިބާ އެކައުންޓް ހެކްކޮށް، މަކަރާއި ހީލަތުން އެއް ލައްކަ ބައި ރުފިޔާއަށްވުރެ ގިނަ ފައިސާ ހޯދި މައްސަލައިގައި ހައްޔަރުކޮށްފައިވާ ހަސަން އަޒުރާހުގެ ބަންދުގެ މުއްދަތު ކޯޓުން އަނެއްކާވެސް އިތުރުކޮށްދީފިއެވެ.

މި މައްސަލައިގައި ތުހުމަތުކުރެވޭ ހމ. ފްލެޓް ނަންބަރު 06-2-39، އުމުރުން 39 އަހަރުގެ ހަސަން އަޒުރާހު ހައްޔަރުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ފުލުހުންގެ އެންޓި ސްކޭމް ސެންޓަރަށް ހުށަހެޅުނު މައްސަލައަކާ ގުޅިގެންނެވެ. ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރީ ޑިސެންބަރު މަހުގެ 7 ވަނަ ދުވަހުއެވެ. އޭގެ ފަހުން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ދެ ފަހަރެއްގެ މަތިން ކޯޓަށް ހާޒިރުކުރުމުން ކޮންމެ ފަހަރަކު 15 ދުވަސް ދީފައިވާއިރު، އެ މުއްދަތު ހަމަވުމުން އިއްޔެ ކޯޓުން ވަނީ ބަންދަށް އިތުރު 30 ދުވަސް ޖަހައިދީފައެވެ.

ފުލުހުން ތުހުމަތުކުރާ ގޮތުގައި އަޒުރާހު ވަނީ އެހެން މީހެއްގެ ވައިބާ އެކައުންޓް ކޮމްޕްރޮމައިޒްކޮށް، އެ އެކައުންޓްގެ ވެރިފަރާތަށް ހެދިގެން އެކި މީހުންނާ ވާހަކަ ދައްކައި، އޮޅުވާލައިގެން 150،000 ރުފިޔާއަށް ވުރެ ގިނަ ފައިސާ ހޯދާފައެވެ. މި ސްކޭމް ހިންގުމުގައި އަޒުރާހުގެ އިތުރުން އެހެން ބަޔަކުވެސް ބައިވެރިވެފައިވާކަން ފުލުހުންގެ ތަހުގީގަށް ވަނީ އެނގިފައެވެ.

އެގޮތުން މި މައްސަލައާ ގުޅިގެން އިތުރު ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެއީ ގ. މާލޭހިޔާ 1-16-03، އަޙްމަދު ޙައްސާން (33އ) އާއި ނ. މަނަދޫ ވެށި، ޙުސައިން ސަމާޙު (33އ) އެވެ. މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ މި މައްސަލައިގެ ތަހުގީގު ފުލުހުން ދަނީ އިތުރަށް ކުރިއަށް ގެންދަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.