ވައިގެ މަގުން ރާއްޖެއަށް ފަސް ކިލޯއަށް ވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރިކަން ސާބިތުވި ޕާކިސްތާނު މީހަކު 23 އަހަރަށް ޖަލަށް ލުމަށާއި، ދެ މިލިއަން ރުފިޔާއިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކޮށްފިއެވެ.
މި މައްސަލައިގައި ކުށް ސާބިތުވެ ހުކުމް އައިސްފައިވަނީ ޕާކިސްތާނަށް ނިސްބަތްވާ އަބްދުލް ލަތީފް ބަލޮޗް ނަމަކަށް ކިޔާ މީހެއްގެ މައްޗަށެވެ. އޭނާ ހައްޔަރުކުރީ މީގެ ދެ އަހަރެއްހާ ދުވަސް ކުރިން، 12 މާޗު 2024 ގައި ގަތަރު އެއާވޭސްގެ ފްލައިޓަކުން ރާއްޖެ އައުމުންނެވެ. އޭނާ އަތުލައިގަތީ ކަސްޓަމްސްގެ ރެޑް ޗެނަލުން އަމިއްލައަށް ގޮސް މުދާ ޑިކްލެއާ ކުރަން އުޅުމުގެ ތެރޭގައެވެ. އޭރު އޭނާގެ އަތުގައި އޮތީ އެންމެ ލަގެޖެއް ނަމަވެސް، ބޯޑިން ޕާސް ޗެކްކުރުމުން އޭނާގެ ނަމުގައި އިތުރު ލަގެޖެއް ޗެކިންކޮށްފައިވާކަން ކަސްޓަމްސް އޮފިސަރުންނަށް ފާހަގަކުރެވުނެވެ.
އެއާއެކު ދެވަނަ ލަގެޖު ހޯދުމަށް ބެލްޓު ކައިރިއަށް ގޮސް ބެލިއިރު ފެނުނު ދަބަސް އެކްސްރޭ ކޮށްގެން ބެލުމުން، އޭގެ ތެރެއިން ފަސް ކިލޯއަށްވުރެ ގިނަ ޑައިމޯފިން (ޑްރަގް) ފެނިފައިވެއެވެ. ޝަރީއަތުގައި ބަލޮޗް ވަނީ ޑްރަގް ހުރި ދަބަހަކީ އޭނާގެ އެއްޗެއް ނޫންކަމަށް ބުނެ، އޭނާ ގެނައީ އެންމެ ދަބަހެއް ކަމަށް ބުނެ ދައުވާއަށް އިންކާރުކޮށްފައެވެ. ނަމަވެސް ގަތަރު އެއާވޭސްގެ ލިޔެކިޔުންތަކުން އޭނާގެ ނަމުގައި ދެ ލަގެޖު ޗެކިންކުރިކަން ކަށަވަރުވުމުން، މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އިހުސާން ނިންމެވީ އޭނާގެ މައްޗަށް ޑްރަގް ޓްރެފިކިންގެ ކުށް ސާބިތުވާ ކަމަށެވެ.
މި މައްސަލައިގައި ބަލޮޗްގެ މައްޗަށް ބޮޑު ޖޫރިމަނާއެއް ކަނޑައެޅީ އޭނާއަކީ ތަކުރާރުކޮށް ޑްރަގް އެތެރެކުރާ މީހެއްކަމަށް ޝަރީއަތަށް ބުރަވެވޭތީއެވެ. ސަބަބަކީ މީގެ ކުރިން ޖެނުއަރީ 2023 ގައި ވެސް ބަލޮޗް ރާއްޖެ އައި ފަހަރެއްގައި އޭނާގެ ލަގެޖެއްގައި ޑްރަގް ހުރިކަމަށް ޝައްކުކުރެވުނު ނަމަވެސް، އެފަހަރު އެއާޕޯޓުގެ ތެރެއިން އެ ލަގެޖު "ގެއްލިފައި" ވާތީއެވެ. އޭރު ފުލުހުން ތުހުމަތުކުރީ އެއީ އެއާޕޯޓު މުވައްޒަފުންތަކެއްގެ ބައިވެރިވުމާއެކު ހިންގި އަމަލެއް ކަމަށާއި، ސީސީޓީވީ ކަވަރޭޖް ނެތް ސަރަހައްދަކުން ދަބަސް ގެއްލުވާލީ ކަމަށެވެ. އެފަހަރު ހެކި ނެތުމުގެ ސަބަބުން އޭނާ ދޫކޮށްލަން ޖެހުނު ނަމަވެސް، މިފަހަރުގެ މައްސަލައިގައި ގާޒީ ވަނީ އެކަމަށް ރިއާޔަތްކޮށް ހުކުމް އިއްވާފައެވެ.
ކޮމެންޓު ފޮނުވާ