"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކުރި 4000 ފްލެޓްގެ ތެރެއިން، މިހާތަނަށް 3700 އަށްވުރެ ގިނަ ފަރާތަށް ތަޅުދަނޑި ހަވާލުކޮށްފައިވާކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު އެ މަޝްރޫއުގެ ގާތްގަނޑަކަށް 30 އިންސައްތަ މަސައްކަތް ހުރީ ނިމިފައެވެ. އޭރު ފްލެޓްތަކުގެ ފެނާއި ނަރުދަމާ އަދި ކަރަންޓު ގުޅުމުގެ މަސައްކަތް މަޝްރޫއުގެ ތެރޭގައި ހިމެނިފައި ނެތް ނަމަވެސް، ސަރުކާރުން އެ މަސައްކަތްތައްވެސް ފުރިހަމަކޮށް، ރައްޔިތުންނަށް ތަންތަން ހަވާލުކުރަމުން ގެންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި މަޝްރޫއުގެ ފަހުގެ މައުލޫމާތު ހިއްސާކުރައްވަމުން ވަޒީރު ވިދާޅުވީ، 3800 އަށްވުރެ ގިނަ ފަރާތާއެކު މިހާރު އެއްބަސްވުމުގައި ސޮއިކުރެވިފައިވާ ކަމަށެވެ. މިއާއެކު ގާތްގަނޑަކަށް ހުރިހާ ފަރާތްތަކަށް ފްލެޓް ހަވާލުކުރެވިފައިވާކަން ފާހަގަކުރައްވައި، ގިނަ ބަޔަކު މިހާރު ފަރުނީޗަރު ޖެހުމާއި އެތަންތަނަށް ބަދަލުވުމުގެ ތައްޔާރީތައް ވަމުންދާކަމަށްވެސް ވިދާޅުވިއެވެ.
ސަރުކާރުގެ އަމާޒަކީ ރައްޔިތުންނަށް ދޭންޖެހޭ ބޯހިޔާވެހިކަން ވީހާވެސް އަވަހަކަށް ފޯރުކޮށްދިނުންކަމަށް ވަޒީރު ވިދާޅުވިއެވެ. މިގޮތުން "ބިންވެރިޔާ" ސްކީމްގެ ދަށުން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން، ނުހިއްކާ ހުރި ސަރަހައްދުތައް ހިއްކައިގެން ގޯތި ހަވާލުކުރުމުގެ މަސައްކަތްވެސް ޚާއްސަ އިސްކަމެއް ދީގެން ކުރިއަށްދާކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ