މީގެ ހަތް އަހަރު ކުރީގެ އެކްސިޑެންޓެއްގެ މައްސަލާގައި، އެއްލައްކަ ރުފިޔާއަށްވުރެ ބޮޑުކޮށް ޖޫރިމަނާއެއް

މީގެ ހަތް އަހަރު ކުރީގެ އެކްސިޑެންޓެއްގެ މައްސަލާގައި، އެއްލައްކަ ރުފިޔާއަށްވުރެ ބޮޑުކޮށް ޖޫރިމަނާއެއް

Author
އަހުމަދު
10 ފެބްރުއަރީ 2026 10:05
0

މާލޭގައި މީގެ ހަތް އަހަރު ކުރިން ބާރު ސްޕީޑުގައި ދުއްވި ސައިކަލަކުން ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ މައްސަލާގައި، ސައިކަލު ދުއްވި މީހާ އެއްލައްކަ ރުފިޔާއަށްވުރެ ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި "އަނިޔާއެއް ދިނުމުގެ ކުށުގެ" ދައުވާ ސާބިތުވެ، އަދަބެއްގެ ގޮތުން ޖޫރިމަނާކޮށްފައިވަނީ ހދ. ކުޅުފުއްފުށި، ރަސްރީތު، ޢަލީ މުޙައްމަދެވެ. މިއީ 2018 ވަނަ އަހަރުގެ ޖޫން މަހުގެ 26 ވަނަ ދުވަހުގެ ރޭ މެންދަމުގެ ވަގުތެއްގައި ބޮޑުތަކުރުފާނު މަގު، އިންޑަސްޓްރިއަލް ޒޯން ސަރަހައްދުން އޭނާ ބާރު ސްޕީޑުގައި ދުއްވާފައި ދަނިކޮށް ހިނގި އެކްސިޑެންޓެކެވެ. އޭނާ ދުއްވި ސައިކަލު، އެ މަގުން ދުއްވާފައި ދިޔަ އެހެން ސައިކަލެއްގައި ޖެހި ހިނގި މި އެކްސިޑެންޓުގައި އަނިޔާވި ށ. މަރޮށި، އިބްރާހީމް ވަސީމްގެ ބޮލުގެ ނާށިގަނޑުގައި ރެނދުލައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ.

ޝަރީއަތުގެ މަރުހަލާގައި ޢަލީ މުޙައްމަދު ވަނީ އަމިއްލަ އިޚްތިޔާރުގައި ދައުލަތާއެކު އިއުތިރާފުގެ އެއްބަސްވުމެއް ހަދާފައެވެ. އެ އެއްބަސްވުމުގެ ދަށުން، އޭނާގެ މައްޗަށް ކަނޑައެޅޭ އަސްލީ އަދަބު ކަމަށްވާ އެއް އަހަރާއި ހަތް މަހާއި ހަ ދުވަހުގެ ޖަލު ހުކުމް، ޖޫރިމަނާގެ އަދަބަކަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.

މި މައްސަލަ ބެއްލެވި ގާޒީ އިބްރާހީމް އިޙްސާން ހުކުމް ކުރެއްވީ ދެ ފަރާތުން އެއްބަސްވެފައިވާ ގޮތުގެ މަތިން، ޖަލު އަދަބުގެ ބަދަލުގައި 115،200 (އެއްލައްކަ ފަނަރަހާސް ދުުއިސައްތަ) ރުފިޔާއިން އޭނާ ޖޫރިމަނާ ކުރުމަށެވެ. އަދި މި ފައިސާ 24 މަސް ދުވަހުގެ ތެރޭގައި މީރާއަށް ދައްކައި ޚަލާސްކުރުމަށް ހުކުމުގައި އަންގާފައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.