މީހުން ދިރިއުޅޭ ރަށްރަށުގެ އާންމު ސަރަހައްދުތަކުގައި ނިވައިކަން ކުޑަ ހެދުން އަޅައިގެން އުޅޭ މައްސަލައަށް ގާނޫނީ ހައްލެއް ހޯދުމަށާއި، އެފަދަ ފަރާތްތަކާ މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.
ދީނީ އިލްމުވެރިޔާ ޒަމްޒަމް ފާރިޝް އިސްނަގައިގެން ހުށަހެޅުއްވި މި ޕެޓިޝަންގައި ބަޔާންކޮށްފައިވާ ގޮތުގައި، މީހުން ދިރިއުޅޭ ރަށްރަށުގެ އާންމު ތަންތަނުގައި ފަތުރުވެރިން ބިކިނީ ފަދަ ހެދުމުގައި އުޅުމަކީ ދިވެހިންގެ އިސްލާމީ ރިވެތި އާދަކާދަތަކާއި ސަގާފަތް ނެތިގެން ހިނގައިދާނެ ކަމެއް ކަމަށް ގިނަ ރައްޔިތުން ގަބޫލުކުރެއެވެ. އަދި މިއީ މުޖުތަމައުގެ ގިނަ ބަޔަކު ކަންބޮޑުވާ، އަދި އޭގެ ސަބަބުން ޅަދަރިންނަށް ނޭދެވޭ އަސަރުކޮށް، ކުދިން އިސްލާމީ ތަރުބިއްޔަތުގެ މަތީގައި ބޮޑުކުރުމަށް ހުރަސްއެޅޭ ކަމެއްކަން ވެސް އެ ޕެޓިޝަންގައި ފާހަގަކޮށްފައިވެއެވެ.
މި ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމުގެ ގޮތުން، މިހާރު ހެދިފައިވާ ގަވާއިދުތައް ތަންފީޒުކުރުން އިތުރަށް ހަރުދަނާކޮށް، އާންމު ތަންތަނުގައި ނިވައިކަން ކުޑަކޮށް އުޅޭ ފަރާތްތަކާ ދެކޮޅަށް ގާނޫނީ ގޮތުން ހަރުކަށި ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމުކޮށްދިނުމަށް ޒަމްޒަމް ވަނީ މަޖިލީހުގައި އެދިވަޑައިގެންފައެވެ. އޭގެ ތެރޭގައި މިކަމަށް ޚާއްސަ އައު ގާނޫނުތައް ހެދުން ވެސް ހިމެނެއެވެ.
ފަތުރުވެރިން އާންމު ތަންތަނުގައި ބިކިނީގައި އުޅޭ މައްސަލައަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް މީގެ ކުރިން ކަންބޮޑުވުން ފާޅުކުރައްވާފައިވާ ކަމެކެވެ. އެގޮތުން މިދިޔަ އޮގަސްޓު މަހު އއ. އުކުޅަހަށް ކުރެއްވި ދަތުރުފުޅެއްގައި އެ ރަށު ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ މި މައްސަލަ ފާހަގަކުރައްވާފައެވެ.
ކޮމެންޓު ފޮނުވާ