އިއްޔެ އެކަނި ރާއްޖެއަށް 10،462 ފަތުރުވެރިން ޒިޔާރަތްކޮށް، މީގެ ހަފްތާއެއްހާ ދުވަސް ކުރިން ހެދި ރެކޯޑު އަނެއްކާވެސް މުގުރާލައިފިއެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް އެއް ދުވަހެއްގެ މައްޗަށް މިހާ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެއަށް އައި ދުވަހެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން، މި ހިނގާ ފެބްރުއަރީ މަހުގެ އެއްވަނަ ދުވަހު 10،253 ފަތުރުވެރިން އައިސްގެން ހެދި ރެކޯޑު އިއްޔެ (8 ފެބްރުއަރީ) މިވަނީ އާކޮށްފައެވެ. މި މަހުގެ ތެރޭގައި ފަތުރުވެރިން އަންނަ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވާއިރު، މިހާތަނަށް ތިން ދުވަހެއްގެ މައްޗަށް 10،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ އައިސްފައެވެ. އެގޮތުން ފެބްރުއަރީ 1 ވަނަ ދުވަހާއި 8 ވަނަ ދުވަހުގެ އިތުރުން، ފެބްރުއަރީ 7 ވަނަ ދުވަހުވެސް 10،056 ފަތުރުވެރިން ރާއްޖެއަށް އައިސްފައިވެއެވެ.
އަހަރުގެ މިހާތަނަށް އައި ފަތުރުވެރިންގެ ޖުމްލަ އަދަދަށް ބަލާއިރު، އިއްޔެގެ ނިޔަލަށް 296،589 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި އައި 279،915 ފަތުރުވެރިންނާ އަޅާބަލާއިރު 5.6 އިންސައްތައިގެ ކުރިއެރުމެކެވެ. ހަމައެކަނި ފެބްރުއަރީ މަހަށް ބަލާނަމަ، މިހާތަނަށް 70،801 ފަތުރުވެރިން އައިސްފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 8.8 އިންސައްތަ އިތުރު އަދަދެކެވެ.
ފަތުރުވެރިކަން ކުރިއަރަމުންދާ މި ދުވެލީގައި، މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ލަފާކުރާ ގޮތުގައި މި އަހަރު ރާއްޖެއަށް 2.4 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރާނެއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލްގެ ޚިދުމަތްތައް ފުރިހަމައަށް ބޭނުންކުރަން ފެށުމާއެކު، ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެ، މި އަމާޒަށް ވާސިލުވުމަށް މަގުފަހިވެގެންދާނެ ކަމަށް ވަނީ އަންދާޒާކޮށްފައެވެ. މިވަގުތު ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް 179 ރިސޯޓާއި، 16 ހޮޓަލުގެ އިތުރުން 909 ގެސްޓްހައުސް އަދި 169 ސަފާރީ އުޅަނދު ދަނީ އޮޕަރޭޓް ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ