ރާއްޖޭގެ އުތުރާއި މެދުތެރޭގެ ސަރަހައްދުތަކުގައި ވައި ނުސާފުވެ، ކުރިއަށް އޮތް ހަތަރު ދުވަހު ސިއްހަތަށް ނުރައްކާވާ މިންވަރަށް ދުންފުނީގެ އަސަރު ހުންނާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހާމަކޮށްފިއެވެ.
މި ދުވަސްތަކުގައި ވައިގެ ނުސާފުމިން މަތިވާނެ ކަމަށް ލަފާކުރެވޭތީ، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކާއި ބޭރުގައި ގިނަ ވަގުތު ހޭދަކުރާ މީހުން ހާއްސަ ސަމާލުކަމެއް ދިނުމަށް މެޓް އޮފީހުން ވަނީ އެދިފައެވެ. އަދި މި ހާލަތުގައި ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރުމަށްޓަކައި ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ މިންގަނޑުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓުމަށް އެ އިދާރާއިން އިލްތިމާސްކުރެއެވެ.
ވައި ނުސާފުވުމުގެ ސަބަބުން އެޗްޕީއޭއިން ވަނީ ވިލިމާލެއަށް "ރެޑް އެލާޓް" ނެރެފައެވެ. ތަފާސްހިސާބުތައް ދައްކާގޮތުން ވިލިމާލޭގައި ވައިގެ ކޮލިޓީ އިންޑެކްސް ހުރީ 163 ގައެވެ. މިއީ އާންމު ސިއްހަތަށް ނުރައްކާ މިންވަރެއް ކަމަށްވާއިރު، މި ހާލަތުގައި ހުރިހާ ފަރާތްތަކަށް ވެސް ފުއްޕާމޭގެ ބަލިތަކާއި ހިތުގެ މައްސަލަތައް ދިމާވުމުގެ ފުރުސަތު ބޮޑުކަމަށް އެ އެޖެންސީން ބުނެއެވެ. އެހެންކަމުން ބޭރަށް ނުކުންނައިރު މާސްކު އެޅުމަށް ވަނީ އިރުޝާދު ދީފައެވެ.
މީގެ އިތުރުން މާލެ ސަރަހައްދަށް ވަނީ އޮރެންޖު އެލާޓް ނެރެފައެވެ. މި އެލާޓް ނެރެފައިވާ ހާލަތްތަކުގައި، ނާޒުކު ސިއްހީ ހާލަތްތަކުގައި ތިބޭ މީހުންގެ އިތުރުން އާންމު ފަރުދުންނަށް ވެސް ނޭވާލާ ނިޒާމުގެ އުނދަގޫތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑުކަމަށް އެޗްޕީއޭއިން ފާހަގަކުރެއެވެ. ވައި ނުސާފުވުމުގެ މައްސަލަ ކުރިއަށް އޮތް ދުވަސްތަކުގައި ދެމިގެންދާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އިދާރާތަކުން ތަކުރާރުކޮށް ނަސޭހަތްތެރިވެއެވެ.
ކޮމެންޓު ފޮނުވާ