ޖަޕާނުގެ ބޮޑުވަޒީރު ސަނައޭ ތަކައިޗީ، އިއްޔެ ބޭއްވި އާންމު އިންތިހާބުގައި ވެރިކަންކުރާ ލިބަރަލް ޑިމޮކްރެޓިކް ޕާޓީ (އެލްޑީޕީ) އަށް ތާރީހީ ކާމިޔާބީއެއް ހޯއްދަވައިދެއްވައި، ގާނޫނު ހަދާ މަޖިލީހުގެ ސުޕަމެޖޯރިޓީ ކަށަވަރު ކުރައްވައިފި އެވެ.
ވަގުތީ ނަތީޖާތައް ދައްކާ ގޮތުން މަޖިލީހުގެ ތިރިގޭގެ 465 ގޮނޑީގެ ތެރެއިން 316 ގޮނޑި އެލްޑީޕީން ވަނީ ކާމިޔާބުކޮށްފަ އެވެ. އަދި ކޯލިޝަން ބައިވެރިޔާ، ޖަޕާން އިނޮވޭޝަން ޕާޓީ (އިޝިން) އާ އެކު ޖުމްލަ 352 ގޮނޑި ކާމިޔާބުކޮށް، މަތިގޭގެ ނިންމުންތަކަށް ނުފޫޒު ފޯރުވުމުގެ ބާރު ލިބިދޭ ދެބައިކުޅަ އެއްބައިގެ ސުޕަމެޖޯރިޓީ ތަކައިޗީގެ އިއްތިހާދުން ވަނީ ހޯއްދަވާފަ އެވެ. މި ކާމިޔާބީއާ އެކު، ކާބޯތަކެތިން ނަގާ 8 ޕަސެންޓުގެ ޓެކްސް ކަނޑާލުމަށާއި، ޗައިނާއާ ދެކޮޅަށް ގެންގުޅޭ ސަލާމަތީ ސިޔާސަތުތައް އިތުރަށް ވަރުގަދަ ކުރުމަށް ސަރުކާރަށް ވަނީ ފަހި ފުރުސަތެއް ލިބިފަ އެވެ.
ނަތީޖާއާ ގުޅޭގޮތުން ވާހަކަދައްކަވަމުން ތަކައިޗީ ވިދާޅުވީ، މިއީ އިގްތިސާދީ އަދި މާލީ ސިޔާސަތުތަކުގެ އިތުރުން ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ބޮޑެތި ބަދަލުތަކެއް ގެނައުމަށް ލިބުނު މެންޑޭޓެއް ކަމަށާއި، އާންމުންގެ ތާއީދާ އެކު އާ ހިތްވަރަކާ އެކު މަސައްކަތް ކުރައްވާނެ ކަމަށެވެ. މިއީ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެންތާ އަހަރެއް ވެސް ނުވަނީސް، އާންމުންގެ ތާއީދު އޮތް މިންވަރު ކަށަވަރު ކުރެއްވުމަށް ފިނި މޫސުމުގައި ތަކައިޗީ ނެންގެވި ރިސްކު ބޮޑު، ނަމަވެސް ކާމިޔާބު ނިންމެވުމެކެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ތަކައިޗީގެ މި ކާމިޔާބީއަށް މަރުހަބާ ވިދާޅުވެ، އޭނާ ގެންގުޅުއްވާ "ކޮންޒަވޭޓިވް، ބާރުގެ ބޭނުންކޮށްގެން ސުލްހަ ގާއިމުކުރުމުގެ" ސިޔާސަތަށް ތައުރީފު ކުރައްވާފަ އެވެ. އަދި ކުއްލި އިންތިހާބެއް ބޭއްވުމަށް ނިންމި ނިންމުމަކީ ވަރަށް ފުރިހަމަ ނިންމުމެއްގެ ގޮތުގައި ޓްރަމްޕް ސިފަކުރެއްވި އެވެ. ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި ތަކައިޗީގެ ގައުމީ ފިކުރާއި ޓެކްސް ކުޑަކުރުމުގެ ވައުދުތަކަކީ އާންމުންގެ މެދުގައި އޭނާގެ މަގުބޫލުކަން އިތުރުވި މައިގަނޑު ސަބަބުތަކެވެ.
ނަމަވެސް، ދުނިޔޭގެ އެންމެ ދަރަނި ބޮޑު ކުރިއަރާފައިވާ އިގްތިސާދަށް ބޭނުންވާ ފައިސާ ހޯދުމާ މެދު މާލީ ބާޒާރުތަކުގައި ކަންބޮޑުވުން އުފެދިފައިވާއިރު، ޓައިވާނުގެ މައްސަލައިގައި ޖަޕާނުން ގެންގުޅޭ ހަރުކަށި ސިޔާސަތުގެ ސަބަބުން ޗައިނާއިން މި ނަތީޖާއަށް މާބޮޑު ތަރުހީބެއް ދީފައެއް ނުވެ އެވެ. މަސްރަހު ދިރާސާކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި މި ކާމިޔާބީއާ އެކު ޖަޕާނުގެ ދިފާއީ ހަރަދުތައް އިތުރުވެ، ބެއިޖިންއާ އެކު އޮތް ގުޅުން އިތުރަށް ހީނަރުވުމަކީ އެކަށީގެންވާ ކަމެކެވެ. އެހެންނަމަވެސް، ދިފާއީ ބާރު ވަރުގަދަކުރާނީ މަޝްވަރާގެ މަގު ވެސް އިސްކޮށްގެން ކަމަށް ޓޯކިޔޯއިން އަންނަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ