ތިން ފަންގިފިލާއަށް އިމާރާތްކޮށްފައިވާ 1400 މީހުންގެ ޖާގައިގެ "މަސްޖިދުލް ޔޫސުފުލް ބަރުބަރީ" މި ހިނގާ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު ހުޅުވުމަށް ތައްޔާރުވެއްޖެއެވެ.
މިދިޔަ 2024 ވަނަ އަހަރު އަމަލީ މަސައްކަތް ފެށި މި މިސްކިތް ރަސްމީކޮށް ހުޅުވުމަށް ހަމަޖެހިފައިވަނީ، މި މަހުގެ 16 ވާ އާދީއްތަ ދުވަހުގެ އަސުރު ނަމާދަށެވެ. ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ މި މިސްކިތަކީ އެއްފަހަރާ ގިނަ އަދަދެއްގެ ބަޔަކަށް ނަމާދުކުރެވޭނެހެން ޖާގަ ތަނަވަސްކޮށް ބިނާކޮށްފައިވާ މިސްކިތެކެވެ.
މިސްކިތް ހުޅުވުމުގެ ތައްޔާރީތައް ވަމުންދާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދާދިފަހުން އިއްވެވި ރިޔާސީ ބަޔާނުގައި ވަނީ، މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ހިމެނޭހެން ދީނީ ދާއިރާގެ 90 މަޝްރޫއެއްގެ މަސައްކަތް ހިނގަމުންދާކަން ފާހަގަކުރައްވާފައެވެ. އޭގެ ތެރޭގައި 74 މިސްކިތާއި، 7 އިސްލާމީ މަރުކަޒުގެ އިތުރުން ގުރުއާނާ ބެހޭ މަރުކަޒުގެ 3 ގޮތްޕަކާއި 6 ވަގުފު އިމާރާތުގެ މަސައްކަތް ހިމެނެއެވެ.
މި މަޝްރޫއުތަކުގެ ތެރެއިން ހއ. ދިއްދޫ އިސްލާމިކް ސެންޓަރާއި އިތުރު 10 ރަށެއްގެ މިސްކިތް ނިންމައި މިހާރު ވަނީ ހުޅުވާފައެވެ. މީގެ އިތުރުން، ކުރިއަށް އޮތް ރޯދަ މަސް ފެށުމުގެ ކުރިން އިތުރު 8 މިސްކިތެއް ހުޅުވުމަށް ސަރުކާރުން އަމާޒު ހިފާފައިވާކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ