ވޯޓަކާ ނުލައި ކައުންސިލް އިންތިހާބުގެ %7 ގޮނޑި ޕީއެންސީއަށް ކަށަވަރުވެއްޖެ: ފަލާހު

ވޯޓަކާ ނުލައި ކައުންސިލް އިންތިހާބުގެ %7 ގޮނޑި ޕީއެންސީއަށް ކަށަވަރުވެއްޖެ: ފަލާހު

Author
ޙަސަން މުޙައްމަދު
08 ފެބްރުއަރީ 2026 06:41
0

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބާއްވާ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުމުގެ ކުރިން ވެސް، ވެރިކަންކުރާ ޕީއެންސީން %7 ގޮނޑި ކާމިޔާބުކޮށްފައިވާ ކަމަށް އެ ޕާޓީގެ ކެމްޕެއިން މެނޭޖަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީގައި ރޭ ބޭއްވި ޕީއެންސީގެ ކެމްޕެއިން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފަލާހު ވިދާޅުވީ، އިންތިހާބަކާ ނުލައި މިހާރު ވެސް ގިނަ އަދަދެއްގެ ގޮނޑި ކަށަވަރުވެފައިވާ ކަމަށާއި، މިއީ ރައީސުލްޖުމްހޫރިއްޔާއަށާއި ސަރުކާރަށް ރައްޔިތުންގެ އޮތް ތާއީދު ހާމަވެގެންދާ ކަމެއް ކަމަށެވެ. އަދި ކެންޑިޑޭޓުން ނަން އަނބުރާ ގެންދިއުމަށް ދީފައިވާ މުއްދަތު އަންނަ ބުރާސްފަތި ދުވަހަށް ހަމަވާއިރު، އިންތިހާބަކާ ނުލައި ޕީއެންސީން ކާމިޔާބުކުރާ ގޮނޑީގެ ނިސްބަތް %10 އަށް އަރާނެކަމަށް ލަފާކުރެވޭ ކަމަށް ވެސް ފަލާހު ވިދާޅުވިއެވެ.

މި އިންތިހާބުގައި ކައުންސިލްތަކަށާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ޖުމްލަ 1362 މެމްބަރުން ހޮވުމަށް ހަމަޖެހިފައިވާއިރު، ޕީއެންސީން ވަނީ ގިނަ އަދަދެއްގެ ކެންޑިޑޭޓުން ނެރެފައެވެ. އެގޮތުން ކައުންސިލް ގޮނޑިތަކަށް 665 ކެންޑިޑޭޓުން އަދި އަންހެނުންގެ ކޮމިޓީތަކަށް 658 ކެންޑިޑޭޓުން އެ ޕާޓީގެ ޓިކެޓުގައި ވާދަކުރެއެވެ.

އިދިކޮޅު އެމްޑީޕީއަށް ފާޑުވިދާޅުވަމުން ފަލާހު ވިދާޅުވީ، އެ ޕާޓީގެ ސިޔާސަތުތަކާއި ލީޑަޝިޕްގެ އަމަލުތައް ހުރިގޮތުން، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންގެ ޝައުގުވެރިކަން ވެސް ކުޑަވެފައިވާ ކަމަށެވެ. މީގެ އިތުރުން، ވޭތުވެދިޔަ 15 އަހަރު ތެރޭގައި އައްޑޫ ސިޓީއަށް ޕީއެންސީ ފިކުރުގެ މޭޔަރަކު ލިބިފައިނުވާތީ، އެ ސިޓީގެ ތަރައްގީއަށް އިހުމާލުވެފައިވާކަން ފާހަގަކުރައްވައި، ތަރައްގީގެ މަޝްރޫއުތައް ބާރު ސްޕީޑުގައި ކުރިއަށް ގެންދިއުމަށްޓަކައި ކައުންސިލްތަކުގެ ފުރިހަމަ އަޣުލަބިއްޔަތު ޕީއެންސީއަށް ދިނުމަށް ފަލާހު ވަނީ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ. ޕީއެންސީއަށް އަޣުލަބިއްޔަތު ލިބިއްޖެނަމަ، ދުވަހަކު ވެސް ނުދެކޭ ފަދަ ތަރައްގީއެއް މި ފަސް އަހަރު ތެރޭގައި ފެނިގެންދާނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.