ވާސްތަކެއްގެ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު އުމުރަށް ޖަލަށް

ވާސްތަކެއްގެ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި މީހަކު އުމުރަށް ޖަލަށް

Author
ޙަސަން މުޙައްމަދު
03 ފެބްރުއަރީ 2026 11:39
0

ވާސްތަކެއްގެ ތެރޭގައި ފޮރުވައިގެން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައެއް ސާބިތުވެ، ދިވެއްސަކު އުމުރަށް ޖަލަށް ލުމަށާއި ބޮޑު އަދަދަކުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ. މި މައްސަލައިގައި ކުށް ސާބިތުވެ ހުކުމް އިއްވާފައިވަނީ ސ. ހިތަދޫ، ވެހެތާނުގެ، އަބްދުﷲ ސާދިގުގެ މައްޗަށެވެ.

މި ހާދިސާ ހިނގާފައިވަނީ 2024 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ. އެދުވަހުގެ ރޭގަނޑު ސްރީލަންކަން އެއާލައިންސްއިން އަބްދުﷲ ސާދިގު ރާއްޖެ އައިއިރު އޭނާ ގެނައި "ސްކައިމެޓް" ބްރޭންޑުގެ ލަގެޖް ފޮށި އެކްސްރޭކޮށް ބެލުމުގެ ތެރޭގައި، އޭގައި ހުރި ވާސްތަކެއްގައި ޝައްކުކުރެވޭ ޒާތުގެ އެއްޗެއް ހުރިކަން ކަސްޓަމްސްއަށް ފާހަގަކުރެވުނެވެ. މިކަމާ ގުޅިގެން ކަސްޓަމްސްގެ އޮފިޝަލުން އެ ވާސްތަކުގެ ތެރެއިން އެއްޗެއް ތަޅާލައި ބެލިއިރު، އޭގެ ތެރޭގައި ރައްކާކޮށްފައި ހުރި ހަތަރު ޕެކޭޖެއް ފެނިފައިވެއެވެ. މި ޕެކޭޖުތައް ތަހުލީލުކުރިއިރު އޭގައި ޖުމްލަ 273 ގްރާމްގެ ޑައިމޯފިން ހުރިކަން ވަނީ ކަށަވަރުވެފައެވެ.

ޝަރީއަތުގެ މަޖިލީހުގައި އަބްދުﷲ ސާދިގު ވަނީ ދައުވާއަށް އިންކާރުކޮށް، އެ ވާސްތަކުގައި މަސްތުވާ އެއްޗެއް ހުރިކަން ނޭނގޭ ކަމަށް ބުނެ ދިފާއުވާން މަސައްކަތްކޮށްފައެވެ. ނަމަވެސް، މި މައްސަލައިގެ ތަހުގީގު މަރުހަލާއިން ފެށިގެން ޝަރީއަތާ ހަމައަށް އޭނާ ދައްކާފައިވާ ވާހަކަތަކުގައި ބޮޑެތި ފުށުއެރުންތަކެއް ހުރިކަން ގާޒީ ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، އެންމެ ފުރަތަމަ އެ ވާސްތަކަކީ ބެންގަލޫރުގެ ހޮޓަލެއްގެ ސާފުކުރާ މީހަކު ދިން އެއްޗެއް ކަމަށް ބުނިއިރު، ދެވަނަ ފަހަރަށް ސުވާލުކުރުމުން އެއީ ލަންކާގައި ހުރި ދައްތައެއް ދިން އެއްޗެއް ކަމަށް ބުނެފައިވެއެވެ. އަދި ތިންވަނަ ފަހަރަށް އެއީ ބެންގަލޫރުގައި ހުންނަ ލޫތު ކިޔާ މީހަކު ދިން އެއްޗެއް ކަމަށް ބުނެ ވާހަކަ ބަދަލުކޮށްފައިވެއެވެ. މީގެއިތުރުން، ފުލުހުން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނުގައި އޭނާ ލައްވާ 'ލޫތު' އަށް ގުޅުވުމުން، ކަންތައްތައް ދިޔައީ ގޯސްކޮށްތޯއާއި ކައިރީގައި ބަޔަކު ތިބިތޯ ލޫތު ސުވާލުކޮށްފައިވާކަން ވެސް ޝަރީއަތުން ފާހަގަކުރިއެވެ.

މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް ޒިހުނީ ނިންމެވީ، އަބްދުﷲ ސާދިގު އެކި ފަހަރު އެކި ގޮތަށް ވާހަކަ ދައްކާފައިވަނީ ކަމެއް ފޮރުވައި އޮޅުވާލުމުގެ ނިޔަތުގައި ކަމަށެވެ. އެހެންކަމުން އޭނާގެ މައްޗަށް ކުށް ސާބިތުވާކަމަށް ކަނޑައަޅައި، 25 އަހަރަށް ޖަލަށް ލުމާއެކު 100،000 (އެއް ލައްކަ) ރުފިޔާއިން ޖޫރިމަނާ ކުރުމަށް ވަނީ ހުކުމްކޮށްފައެވެ. އޭނާ ބަންދުގައި ހޭދަކުރި މުއްދަތު އުނިކުރުމުން، ދެން އޭނާ ތަންފީޒުކުރަން ޖެހޭނީ 23 އަހަރާއި 7 މަހާއި 14 ދުވަހުގެ ޖަލު ހުކުމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.