ރާއްޖެއަށް ފެތުރިފައިވާ ދުންފިނި: އުތުރާއި މެދުރާއްޖެތެރޭގެ ވައި ނުސާފު، ސާފުވާނެ ދުވަހެއް ނޭނގެ

ރާއްޖެއަށް ފެތުރިފައިވާ ދުންފިނި: އުތުރާއި މެދުރާއްޖެތެރޭގެ ވައި ނުސާފު، ސާފުވާނެ ދުވަހެއް ނޭނގެ

Author
ހުސެއިން
31 ޖެނުއަރީ 2026 03:02
0

ރާއްޖޭގެ އެކި ކަންކޮޅުތަކަށް މިހާރު ފެތުރިފައިވާ ދުންފިނީގެ އަސަރު ކުޑަވެ، ވައި އެއްކޮށް ސާފުވާނެ ދުވަހެއް ލަފާކުރަން ދަތިކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހާމަކޮށްފިއެވެ. މެޓް އޮފީހުން މައުލޫމާތު ދީފައިވާ ގޮތުގައި، މި ދުވަސްވަރު ރާއްޖޭގެ ބޮޑު ބަޔަކަށް ދުންފިނީގެ އަސަރު ދަނީ ކުރަމުންނެވެ.

މެޓް އޮފީހުގެ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ދުރު ފެންނަ މިންވަރު (ވިޒިބިލިޓީ) ހުރީ އެންމެ ހަތަރު ކިލޯ މީޓަރުގައެވެ. އަދި މެދުރާއްޖެތެރޭގެ ސަރަހައްދުތަކަށް މި މިންވަރު ފަސް ކިލޯ މީޓަރުގައި ހުރިއިރު، ދެކުނުގެ އަތޮޅުތަކަށް ނިސްބަތުން ވައި ސާފުކަން ފާހަގަކުރެވެއެވެ. އެގޮތުން ދެކުނުގެ އަތޮޅުތަކަށް ދުރު ފެންނަ މިންވަރު ހުރީ ފަސް ކިލޯ މީޓަރަށްވުރެ މަތީގައެވެ. މީގެ ދެ ދުވަހެއް ކުރިން ރާއްޖޭގެ ބައެއް ހިސާބުތަކަށް ދުރު ފެންނަ މިންވަރު ދެ ކިލޯ މީޓަރަށް ވެއްޓިގެން ދިޔަ ނަމަވެސް، އަދިވެސް ހާލަތު އެއްކޮށް ރަނގަޅުވެފައެއް ނުވެއެވެ.

ވައިގެ ސާފުމިން ބަލާ ބައިނަލްއަގުވާމީ މިންގަނޑުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި ވައިގެ ކޮލިޓީ ހުރީ "ރަތް" ނުވަތަ ސިއްހަތަށް ނުރައްކާ މިންވަރެއްގައެވެ. 'އައިކިއު އެއާ' ގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މާލެ ސަރަހައްދުގެ ވައިގެ ކޮލިޓީ 151 ގައި ހުރިއިރު، ކުޑަހުވަދޫގައި މި އަދަދު ހުރީ 153 ގައެވެ. އަދި ކުޅުދުއްފުށި ސިޓީގައި ވައި ނުސާފު މިންވަރު 163 އަށް ވަނީ އަރާފައެވެ. މިއީ ސިއްހީ ގޮތުން ބަލާއިރު ސަމާލުވާންޖެހޭ މިންވަރެކެވެ.

މި ހާލަތާ ގުޅިގެން ސިއްހީ މާހިރުން ވަނީ ޚާއްސަ އިލްތިމާސްތަކެއް ކުރައްވާފައެވެ. އެގޮތުން ނާޒުކު ސިއްހީ ހާލަތްތަކުގައި ތިބި ފަރާތްތަކުން ގެއިން ބޭރަށް ނުކުންނައިރު މާސްކު އެޅުމަށާއި، ބޭރުތެރޭގައި އުޅޭ ވަގުތު މަދުކުރުމަށް ވަނީ އަންގާފައެވެ. އަދި ގޭތެރެއަށް ނުސާފު ވައި ވަނަ ނުދިނުމަށްޓަކައި ދޮރުތައް ލައްޕައިފައި ބެހެއްޓުމަށާއި، ވައި ނުސާފުވެފައިވާ މި ދަނޑިވަޅުގައި ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން ފަދަ ކަންކަން މަޑުޖައްސާލުމަށް ވެސް ކަމާބެހޭ ފަރާތްތަކުން ވަނީ ނަސޭހަތްތެރިވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.