މި އަހަރުގެ ފުރަތަމަ 25 ދުވަހުގެ ތެރޭގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 179,451 އަށް އަރައި، ރާއްޖޭގެ ފަތުރުވެރިކަމަށް 5.9 އިންސައްތައިގެ ކުރިއެރުމެއް ލިބިއްޖެއެވެ. ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން މިއަދު އާންމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން، މިއީ 2024 އަދި 2025 ވަނަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު ފާހަގަކޮށްލެވޭ ކުރިއެރުމެކެވެ.
ތަފާސްހިސާބުތަކުން ދައްކާގޮތުގައި ޖެނުއަރީ މަހުގެ 25 ގެ ނިޔަލަށް އެވްރެޖްކޮށް ދުވާލަކު 7,178 ފަތުރުވެރިން ރާއްޖެ އައިސްފައިވެއެވެ. އަދި ފަތުރުވެރިން ރާއްޖޭގައި ޗުއްޓީ ހޭދަކުރާ މުއްދަތު ހުރީ އެވްރެޖްކޮށް 7.9 ދުވަހުގައެވެ. ފަތުރުވެރިން ރާއްޖެ އެތެރެވުމުގައި އެންމެ ބޮޑު ހިއްސާއެއް އަދާކުރަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ. އެއީ ޖުމްލަ އެރައިވަލްސްގެ 94.7 އިންސައްތައެވެ.
މި މުއްދަތުގައި އެންމެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވަނީ ރަޝިއާއިންނެވެ. އެގޮތުން ރަޝިއާއިން 25,604 ފަތުރުވެރިން އައިސްފައިވާއިރު، މިއީ ޖުމްލަ ފަތުރުވެރިންގެ 14.3 އިންސައްތައެވެ. ދެވަނައިގައި އޮތް އިޓަލީން 20,443 ފަތުރުވެރިން (11.4%) ޒިޔާރަތްކޮށްފައިވާއިރު، ތިންވަނައިގައި އޮތީ 17,910 ފަތުރުވެރިންނާއެކު ޗައިނާއެވެ. މީގެ އިތުރުން ގަދަ ފަހެއްގައި ދެން ހިމެނެނީ 15,221 ފަތުރުވެރިންނާއެކު އިނގިރޭސިވިލާތް އަދި 11,878 ފަތުރުވެރިންނާއެކު ޖަރުމަނުވިލާތެވެ.
ރާއްޖޭގައި ފަތުރުވެރިންނަށް ޚިދުމަތް ދިނުމަށް މިވަގުތު 1,192 ފެސިލިޓީއެއް އޮޕަރޭޓްކުރަމުންދާއިރު، އޭގެ ތެރޭގައި 179 ރިސޯޓާއި 833 ގެސްޓްހައުސް ހިމެނެއެވެ. މި ހުރިހާ ތަނެއްގެ ޖުމްލަ އެނދުގެ އަދަދަކީ 63,242 ކަމަށް ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.
ކޮމެންޓު ފޮނުވާ