ފާއިތުވި ދުވަސްތަކުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ޖައްވު ނުސާފުވުމަށް މެދުވެރިވި ދުންފުހުގެ އަސަރު މިހާރު ވަރަށް ބޮޑަށް ކުޑަވެ، ވައިގެ ސާފުކަން އިތުރުވެފައިވާ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހާމަކޮށްފިއެވެ.
ވައިގެ ސާފު މިންވަރު ވަޒަންކުރާ "އައިކިއު އެއާ" ގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ވައިގެ ތެރޭގައި ހިމެނޭ "ފައިން ޕާޓިކިއުލޭޓް މެޓާ" (ޕީއެމް 2.5) ގެ މިންވަރު މިހާރު ހުރީ ކޮންމެ ކިއުބިކް މީޓަރެއްގައި 14.2 މައިކްރޯ ގްރާމްގައެވެ. މިއީ ނިމިދިޔަ ހަފްތާއާ އަޅާބަލާއިރު ވައިގެ ނުސާފުކަން ވަރަށް ބޮޑުތަނުން ދަށްވެ، ރަނގަޅުވެފައިވާ މިންވަރެކެވެ. މެޓް އޮފީހުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މިވަގުތު ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ދުންފުހުގެ އަސަރު ކުޑަވެފައިވާއިރު، ޖައްވު ފެންނަނީ ވަރަށް ސާފުކޮށެވެ.
ޚާއްސަކޮށް އުތުރުގެ ހަނިމާދޫ ސަރަހައްދުގެ ޖައްވު އެއްކޮށް ސާފުވެފައިވާކަން ފާހަގަކުރައްވައި، އޮފިޝަލު ވިދާޅުވީ މާލެ ސަރަހައްދުގައިވެސް ދުރު ފެންނަ މިންވަރު ނުވަތަ ވިޒިބިލިޓީ މިހާރު ހުރީ ހަ ކިލޯމީޓަރުގައި ކަމަށެވެ. މިއީ ކުރީ ދުވަސްތަކާ އަޅާބަލާއިރު ވަރަށް ރަނގަޅު އަދަދެކެވެ.
ކުރިއަށް އޮތް ދެތިން ދުވަހުވެސް ރާއްޖޭގެ ސަރަހައްދުތަކުގައި ދުންފުހުގެ އަސަރު ކުޑަވެފައި، ޖައްވު ސާފުކޮށް އޮންނާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ. ނަމަވެސް މި ދުވަސްވަރަކީ މޫސުމީ ގޮތުން ދުންފުހުގެ އަސަރު ދޭތެރެއަކުން މައްޗަށް ޖެހިލާ އަދި ދަށަށްވެސް ދާ ދުވަސްވަރެއް ކަމުން، ވައިގެ ސާފު މިންވަރަށް ބަދަލު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށްވެސް މޫސުމާ ބެހޭ އިދާރާއިން މައުލޫމާތު ދެއެވެ.
ކޮމެންޓު ފޮނުވާ