ހުޅުމާލޭ އަމާން ދޯދި ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލްކޮށް، ސަލާމަތީ ކަންކަން ބަލަން ފަށައިފި

ހުޅުމާލޭ އަމާން ދޯދި ޓަވަރުގައި ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލްކޮށް، ސަލާމަތީ ކަންކަން ބަލަން ފަށައިފި

Author
އައިޝަތު އަޙްމަދު
23 ޖެނުއަރީ 2026 06:56
0

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ "އަމާން ދޯދި 1″ ޓަވަރުގައި މިއަދު މެންދުރު އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ އެ އިމާރާތުގެ ތިރީގައި ކަމަށްވާއިރު، އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާވިސްއިން ވަނީ ވަގުތުން ހަރަކާތްތެރިވެ އަލިފާންގަނޑު ކޮންޓްރޯލްކޮށްފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ޖިސްމާނީ އަނިޔާއެއް ލިބިފައި ނުވާކަން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ވަނީ ކަށަވަރުކޮށްދީފައެވެ.

އެމްއެންޑީއެފް އިން މައުލޫމާތު ދީފައިވާ ގޮތުގައި މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރު 13:11 ހާއިރުއެވެ. ރިޕޯޓު ލިބުމާއެކު ހުޅުމާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރ ފައިޓަރުން އެ ސަރަހައްދަށް ގޮސް ކުރި މަސައްކަތުން، ޓަވަރުގެ ތިރީގައި ރޯވެފައި ހުރި އަލިފާންގަނޑު އެއްކޮށް ނިއްވާލެވިފައިވަނީ މެންދުރު 13:28 ހާއިރުއެވެ. އަލިފާން ނިއްވާލެވުނު ނަމަވެސް، އެ ސަރަހައްދުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ހަދަންޖެހޭ އިންސްޕެކްޝަންތައް މިހާރު ކުރިއަށްދާ ކަމަށް އެފްޑީސީއިން ވަނީ ބުނެފައެވެ.

މި ހާދިސާއާ ގުޅުވައިގެން ސޯޝަލް މީޑިއާގެ ބައެއް ވަސީލަތްތަކުގައި، ޚާއްސަކޮށް އާންމުންގެ ވައިބަރ ގްރޫޕްތަކުގައި ދައުރުވަމުންދާ ވާހަކަތަކަށް ވެސް އެފްޑީސީއިން ވަނީ ރައްދު ދީފައެވެ. އެގޮތުން އިމާރާތުގެ ވެންޓިލޭޝަން ޝާފްޓްތަކާއި ކުނި އުކާލުމުގެ ނިޒާމާ ގުޅޭގޮތުން ހަގީގަތާ ޚިލާފު ވާހަކަތައް ފަތުރަމުންދާކަން ފާހަގަކޮށް، އެ ކޯޕަރޭޝަނުން ވަނީ އެފަދަ މައުލޫމާތު ހިއްސާކުރުމުގައި ޒިންމާދާރުވުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.