ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަވަހާރަކޮށްލި ޓެޓްސުޔާ ޔަމަގަމީ އުމުރަށް ޖަލަށް ލާން ހުކުމްކޮށްފި

ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަވަހާރަކޮށްލި ޓެޓްސުޔާ ޔަމަގަމީ އުމުރަށް ޖަލަށް ލާން ހުކުމްކޮށްފި

Author
ޙަސަން މުޙައްމަދު
22 ޖެނުއަރީ 2026 10:17
0

ޖަޕާނުގެ ކުރީގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އަވަހާރަކޮށްލި މީހާގެ މައްޗަށް އެ ގައުމުގެ ކޯޓަކުން އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފި ކަމަށް އެގައުމުގެ މީޑިއާތަކުން ރިޕޯޓުކޮށްފިއެވެ.

ކިޔޯޑޯ ނިއުސް އިން ބުދަ ދުވަހު ރިޕޯޓުކޮށްފައިވާ ގޮތުގައި، 2022 ވަނަ އަހަރު ނަރާ ސިޓީގައި ކެމްޕެއިން ހަރަކާތެއްގައި ވާހަކަ ދައްކަވަނިކޮށް، އަމިއްލައަށް ހަދާފައިވާ ބަޑިއަކުން ހަމަލާދީ އަބޭ އަވަހާރަކޮށްލި ކަމަށް އުމުރުން 45 އަހަރުގެ ޓެޓްސުޔާ ޔަމަގަމީ ވަނީ އެއްބަސްވެފައެވެ. ޕްރޮސެކިއުޓަރުން ކޯޓުގައި އެދުނީ ވެސް އޭނާގެ މައްޗަށް އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވުމަށެވެ.

ޔަމަގަމީ ބުނެފައިވާ ގޮތުގައި އޭނާ މި ޖަރީމާ ހިންގީ، އޭނާގެ މަންމަ "ޔުނިފިކޭޝަން ޗާޗް" އަށް ހަދިޔާކުރި ގިނަ އަދަދެއްގެ ފައިސާގެ ސަބަބުން އާއިލާ މާލީ ގޮތުން ބަނގުރޫޓުވުމުން، އެ ޖަމާއަތާ މެދު އުފެދުނު ރުޅިވެރިކަމެއްގައެވެ. އަދި އަބޭއަކީ އެ ޖަމާއަތާ ގުޅުން އޮތް ބޭފުޅެއް ކަމަށް އޭނާ ތުހުމަތު ކުރެއެވެ.

މި ހާދިސާއާ ގުޅިގެން ސަރުކާރުން ވަނީ އެ ޖަމާއަތުން މީހުން އަތުން ފައިސާ ހޯދާ ގޮތް ތަހުގީގުކޮށް، އެފަދަ ކަންކަން ހުއްޓުވުމަށް ގާނޫނީ ފިޔަވަޅުތައް އަޅައި، އެ ޖަމާއަތް އުވާލުމަށް މަގުފަހިކޮށްފައެވެ.

ޖަޕާނުގެ ތާރީހުގައި ވެސް އެންމެ ގިނަ ދުވަހު ބޮޑުވަޒީރުކަން ކުރެއްވި އަބޭ އަވަހާރަކޮށްލީ އާންމު އިންތިހާބަކަށް ކެމްޕެއިން ކުރައްވަމުން ގެންދަވަނިކޮށެވެ.

ކުށްކުރުން މަދު އަދި ހަތިޔާރު ގެންގުޅުން މަނާ ގައުމެއްގެ ގޮތުގައި އޮތް ޖަޕާނުގައި ހިނގި މި ހާދިސާއަކީ މުޅި ގައުމަށް ސިހުން ގެނުވި އަދި ސިޔާސީ ބޭފުޅުންގެ ސަލާމަތީ ކަންކަމާ މެދު ސުވާލު އުފެދުނު ކަމެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.