ކަނޑުއަޑިން 450 ކިލޯމީޓަރު ކަޑައްތުކޮށް ދުނިޔޭގެ ރެކޯޑެއް ގާއިމުކުރުމަށް ތައްޔާރުވެއްޖެ

ކަނޑުއަޑިން 450 ކިލޯމީޓަރު ކަޑައްތުކޮށް ދުނިޔޭގެ ރެކޯޑެއް ގާއިމުކުރުމަށް ތައްޔާރުވެއްޖެ

Author
ހުސެއިން
21 ޖެނުއަރީ 2026 12:04
0

ވިޒިޓް މޯލްޑިވްސްއާއި ރާއްޖޭގެ މަޝްހޫރު ޑައިވަރު ޝަފްރާޒް ނައީމް ގުޅިގެން، ކަނޑުއަޑީގެ ތާރީޚީ ރެކޯޑެއް ގާއިމުކުރުމުގެ ބޮޑު ހަރަކާތެއް މިއަދު ރަސްމީކޮށް އިއުލާނުކޮށްފިއެވެ. "އެކްރޮސް މޯލްޑިވްސް 2026″ ގެ ނަމުގައި ކުރިއަށްގެންދާ މި ހާއްސަ ހަރަކާތް ފެށުމަށް ތާވަލުކޮށްފައިވަނީ 2026 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 23 ވަނަ ދުވަހުއެވެ. މިއީ ދުނިޔޭގެ ފެންވަރުގައި ރާއްޖޭގެ ނަން ވިދާލާނެ ފަދަ ތަފާތު ހަރަކާތަކަށް ވެގެންދާނެއެވެ.

މި ހަރަކާތް ރާވާފައިވާ ގޮތަށް ބަލާއިރު، ރާއްޖޭގެ ތިން އަތޮޅެއް ހުރަސްކޮށް ކަނޑުއަޑިން ދަތުރުކުރުމަށް ވަނީ ހަމަޖެހިފައެވެ. ގާތްގަނޑަކަށް 15 ދުވަހުގެ މުއްދަތަށް ދެމިގެންދާ މި ދަތުރުގައި ޖުމްލަ 450 ކިލޯމީޓަރަށްވުރެ ދިގު ރާސްތާއެއް ކަނޑުއަޑިން ކަޑައްތުކުރާނެއެވެ. މި ދަތުރުގައި 'ޑައިވަރ ޕްރޮޕަލްޝަން ވެހިކަލް' (ޑީޕީވީ) ބޭނުންކޮށްގެން 55 ފަހަރު ފީނައި، ޖުމްލަ 90 ގަޑިއިރަށްވުރެ ގިނަ ވަގުތު ކަނޑުއަޑީގައި ހޭދަކުރުމަށް ވަނީ ނިންމާފައެވެ.

މި ބުރަ އަދި ތަފާތު ދަތުރުގެ މައިގަނޑު އަމާޒަކީ ދުނިޔޭގެ ދެ ރެކޯޑެއް މުގުރާލުމެވެ. އެއީ ޑީޕީވީ ބޭނުންކޮށްގެން އެއްފަހަރު ފީނައިގެން ކަނޑުގެ ސަރަހައްދެއްގައި އެންމެ ދުރަށް ދަތުރުކުރުމުގެ ރެކޯޑާއި، އެއް މަސްދުވަހުގެ ތެރޭގައި ޑީޕީވީ ބޭނުންކޮށްގެން އެންމެ ދިގު ރާސްތާއަކަށް ދަތުރުކުރުމުގެ ރެކޯޑެވެ. މިއީ އެޑްވެންޗަރ ޓޫރިޒަމްގެ ދާއިރާއިން ރާއްޖެއަކީ ހަގީގީ "ކަނޑުގެ ގައުމެއް" ގެ ގޮތުގައި މުޅި ދުނިޔެއަށް ދައްކުވައިދިނުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

މި ހަރަކާތުގެ ތެރެއިން ހަމައެކަނި ރެކޯޑު ހެދުމުގެ އިތުރުން، ތިމާވެށި ހިމާޔަތްކުރުމަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން ބައެއް ރަށްރަށަށް ޒިޔާރަތްކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ރާއްޖޭގެ ކަނޑުފަޅުގެ މުއްސަނދިކަމާއި ދިވެހިންނާ ކަނޑާ އޮތް ޒަމާނީ ސަގާފީ ގުޅުން ބައިނަލްއަޤްވާމީ މުޖުތަމައުއަށް ފެންނާނެހެން ޑޮކިއުމަންޓްކުރުންވެސް މި ޕްރޮޖެކްޓުގެ ބައިތަކުގެ ތެރޭގައި ހިމެނެއެވެ. މިކަމުގެ ސަބަބުން ކަނޑުއަޑީގެ ތަފާތު ތަޖުރިބާތައް ކުރަން ބޭނުންވާ ފަތުރުވެރިންނަށް ރާއްޖެއަކީ އެންމެ އެކަށީގެންވާ މަންޒިލްކަން އިޝްތިހާރުވެގެންދާނެއެވެ.

މި ބޮޑު މަޝްރޫޢު ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި ޕާޓްނަރުންގެ ގޮތުގައި ބޮޑެތި ކުންފުނިތަކަކުން ވަނީ ބައިވެރިވެފައެވެ. އެގޮތުން ޓެކް ޕާޓްނަރެއްގެ ގޮތުގައި އުރީދޫ މޯލްޑިވްސް ހަމަޖެހިފައިވާއިރު، އެއަރލައިން ޕާޓްނަރަކީ ބިޔޯންޑް އެއަރލައިންސެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.