ކައުންސިލް އިންތިހާބުގެ ވޯޓާސް ލިސްޓަށް 700 އަށްވުރެ ގިނަ ޝަކުވާ، ސުންގަޑި ހަމަވެއްޖެ

ކައުންސިލް އިންތިހާބުގެ ވޯޓާސް ލިސްޓަށް 700 އަށްވުރެ ގިނަ ޝަކުވާ، ސުންގަޑި ހަމަވެއްޖެ

Author
ހުސައިން
18 ޖެނުއަރީ 2026 05:38
0

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީތަކުގެ އިންތިހާބުގައި ވޯޓު ދިނުމުގެ ހައްގު ލިބިފައިވާ މީހުންގެ ރަޖިސްޓްރީއަށް 700 އަށްވުރެ ގިނަ ޝަކުވާ ހުށަހަޅައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން މި އިންތިހާބުގެ ވޯޓާސް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައި އޮތީ މިއަދު މެންދުރުފަހު 3:00 ގެ ނިޔަލަށެވެ. ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި މުއްދަތު ހަމަވިއިރު ޖުމްލަ 779 ޝަކުވާއެއް ވަނީ ލިބިފަ އެވެ. މި ޝަކުވާތަކުގެ ތެރޭގައި މައިގަނޑު ގޮތެއްގައި ހިމެނެނީ އެޑްރެސް ނުވަތަ ރަށްވެހިކަން ބަދަލުވެފައިވުމާއި، މަރުވެފައިވާ މީހުންގެ ނަން ލިސްޓުން އުނިކުރުމާ ގުޅޭގޮތުން ހުށަހަޅާފައިވާ ޝަކުވާތަކެވެ.

އިލެކްޝަންސްއިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، މި ފަހަރުގެ އިންތިހާބުގައި 295،000 އެއްހާ މީހުންނަށް ވޯޓު ދިނުމުގެ ހައްގު ލިބިގެންވެ އެވެ. މީގެ އިތުރުން، އިންތިހާބަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެއިން ފެށިގެން އޮންލައިންކޮށް ހުޅުވާލާފައިވާއިރު، މި ފުރުސަތު އަންނަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުގެ މެންދުރުފަހު 3:30 ގެ ނިޔަލަށް އޮންނާނެ އެވެ. މުޅި ރާއްޖެ ހިމެނޭހެން ޖުމްލަ 225 ދާއިރާއަކުން ކައުންސިލް މެންބަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެންބަރުން މި އިންތިހާބުގައި ހޮވުމަށް ވަނީ ހަމަޖެހިފަ އެވެ.

މި އިންތިހާބުގެ ވޯޓުލުމުގެ އިންތިޒާމްތަކަށް ބަލާއިރު، ޖުމްލަ 621 ވޯޓު ފޮށި ބެހެއްޓުމަށް ވަނީ ނިންމާފަ އެވެ. އޭގެ ތެރޭގައި އަތޮޅު ތެރޭގައި ބަހައްޓާ 321 ފޮއްޓާއި، މާލެ ސަރަހައްދު (މާލެ، ހުޅުމާލެ، ވިލިމާލެ) ގައި ބަހައްޓާ 240 ފޮށި ހިމެނެ އެވެ. އަދި ރިސޯޓުތަކުގައި 50 ފޮށި، ސިނާއީ މަސައްކަތްކުރާ ތަންތަނުގައި 3 ފޮށި އަދި ޖަލުތަކުގައި 5 ފޮށި ބެހެއްޓުމަށް ހަމަޖެހިފައިވާއިރު، ރާއްޖެއިން ބޭރުގައި ފޮށި ބަހައްޓަނީ ލަންކާ އަދި މެލޭޝިއާގައި އެކަންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.