ސިޔާސީ ޕާޓީތަކުން ގެނައީ ކޮރަޕްޝަން، 2028 ގައި ހުރިހާ ޕާޓީތައް "ކަފުންކުރެވޭނެ": އުމަރު

ސިޔާސީ ޕާޓީތަކުން ގެނައީ ކޮރަޕްޝަން، 2028 ގައި ހުރިހާ ޕާޓީތައް "ކަފުންކުރެވޭނެ": އުމަރު

Author
ޙަސަން މުޙައްމަދު
17 ޖެނުއަރީ 2026 10:56
0

ރާއްޖޭގައި ހިންގަމުންދާ ސިޔާސީ ޕާޓީތަކުގެ ނިޒާމުން ޤައުމަށް ލިބުނު ކުރިއެރުމެއް ނެތް ކަމަށާއި، ޕާޓީތަކުން ގެނެސްދިނީ ހަމައެކަނި ކޮރަޕްޝަނާއި އިސްރާފުކަމަށް ވިދާޅުވެ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަކީ ސިޔާސީ ޕާޓީތަކުގެ ނިމުން ކަމުގައި ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ސިފަކުރައްވައިފިއެވެ.

އުމަރު މިފަދައިން ވިދާޅުވީ އިދިކޮޅު އެމްޑީޕީން މާލޭގެ މޭޔަރުކަމަށް ވާދަކުރާނެ ކެންޑިޑޭޓެއް ހޮވުމަށް އިއްޔެ ބޭއްވި ޕްރައިމަރީގައި ވޯޓުލާން ނުކުތް މީހުންގެ އަދަދު އާދަޔާ ޚިލާފަށް މަދުވުމުން، އެކަމަށް ފާޑުވިދާޅުވެ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ. އުމަރު ފާހަގަކުރެއްވި ގޮތުގައި މާލޭގެ 54،680 މީހުންނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، ޕާޓީގެ އެންމެ އިސް ލީޑަރުން ނުކުމެވަޑައިގެން ކެމްޕެއިން ކުރެއްވުމުން ވެސް ވޯޓުލާން ނުކުތީ އެންމެ 2،436 މީހުންނެވެ. މިއީ މާލޭގެ ވޯޓުލާ އާބާދީގެ ނިސްބަތުން ބަލާއިރު އެންމެ 4 އިންސައްތަ މީހުންނެވެ.

މި ވޯޓުގެ ނަތީޖާއިން ދައްކުވައިދެނީ އާންމުން ޕާޓީތަކަށް ކުރަމުން އައި އިތުބާރު ގެއްލިފައިވާ މިންވަރު ކަމަށް އުމަރު ވިދާޅުވިއެވެ. މީގެ 15 އަހަރު ކުރިން ބޭއްވި އެތެރޭގެ އިންތިޚާބުތަކުގެ ފޯރިއާއި މިއަދުގެ ހާލަތު އަޅާކިޔުއްވަމުން އުމަރު ވިދާޅުވީ، ސިޔާސީ ޕާޓީތަކުގެ "އަވާ މެންދުރުން" ދިވެހި ރައްޔިތުން މިހާރު މިނިވަންވެއްޖެކަން މިކަމުން ޔަގީންވާ ކަމަށެވެ. އަދި ވޭތުވެދިޔަ 20 އަހަރު ދުވަހު ޤައުމު ދިޔައީ ފަހަތަށް ކަމަށާއި، ދެން ރައްޔިތުންނަށް އަލަށް ކިޔައިދޭނެ ވާހަކައެއް ޕާޓީތަކުގެ އަތުގައި ނެތްކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އުމަރުގެ ވާހަކަ ނިންމަވާލައްވަމުން ވިދާޅުވެފައިވަނީ، 2028 ވަނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ހުރިހާ ސިޔާސީ ޕާޓީތައް "އެއް ސަންދޯކެއްގައި" ކަފުން ކުރެވޭނެ ކަމަށެވެ. އުމަރު މިމޭރުމުން ވާހަކަދެއްކެވިއިރު، އެމްޑީޕީގެ ޕްރައިމަރީ ކާމިޔާބު ކުރައްވައި، އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި މާލޭ މޭޔަރުކަމަށް ވާދަކުރެއްވުމުގެ ޓިކެޓު މިހާރުގެ މޭޔަރު އާދަމް އާޒިމް ވަނީ ކަށަވަރު ކުރައްވާފައެވެ. ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް މިހާރުއްސުރެ ކެމްޕެއިން ކުރައްވަމުން ގެންދަވާ އުމަރަކީ ސިޔާސީ ޕާޓީތަކުގެ ނިޒާމަށް އަބަދުވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެކެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.