އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހަޅުއްވާފައިވާ ސުލްހައިގެ ރޭވުމުގެ ދެވަނަ މަރުހަލާ ފެށުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައި، އިޒްރޭލުން ޣައްޒާއަށް ދިން ނުރައްކާތެރި ހަމަލާތަކެއްގައި ކުޑަކުދިން ހިމެނޭހެން ތިން މީހަކު ޝަހީދުކޮށްލައިފިއެވެ. ހުކުރު ދުވަހު އިޒްރޭލު ސިފައިން ހިންގި މި އުދުވާނުގައި ޝަހީދުވެފައިވަނީ 10 އަހަރުގެ އަންހެން ކުއްޖަކާއި، 16 އަހަރުގެ ފިރިހެން ކުއްޖެއްގެ އިތުރުން އުމުރުން ދުވަސްވީ އަންހެނެކެވެ.
ފަލަސްތީނުގެ ރަސްމީ ނިއުސް އެޖެންސީ "ވަފާ" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހަމަލާތަކުގައި ޝަހީދުވި އުމުރުން 16 އަހަރުގެ މުހައްމަދު ރާއިދު އަލް ބަރާވީ ޝަހީދުވެފައިވަނީ އިޒްރޭލު ސިފައިން ސީދާ އޭނާގެ ބޮލަށް ބަޑިޖެހުމުގެ ސަބަބުންނެވެ. މި ހިތާމަވެރި ހާދިސާ ހިނގާފައި މިވަނީ ޣައްޒާގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމަ ހުއްޓުވުމަށް އެކުލަވާލާފައިވާ ރޭވުމުގެ ދެވަނަ މަރުހަލާ ފަށާނެކަން އެމެރިކާއިން އިއުލާނުކުރިތާ އެންމެ ދުވަހެއް ފަހުންނެވެ.
މި ހަމަލާތައް އަމާޒުކޮށްފައިވަނީ ސުލްހައިގެ ރޭވުމުގެ ދެވަނަ މަރުހަލާ ތަންފީޒުކުރުމުގެ މަސައްކަތްތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ފަލަސްތީނުގެ ފަންނީ ކޮމިޓީގެ މެންބަރުން މިސްރުގެ ގާހިރާގައި ފުރަތަމަ ފަހަރަށް ބައްދަލުކުރަމުން ދަނިކޮށް ކަމަށްވުމުން، މިއީ ސުލްހައިގެ މަސައްކަތްތަކަށް ގޮންޖެހުމުގެ ގޮތުން އިޒްރޭލުން ހިންގި އަމަލެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.
ކޮމެންޓު ފޮނުވާ