ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީގެ ފަރާތުން މާލެ ސިޓީގެ މޭޔަރު ކަމަށް ވާދަކުރައްވާނެ ކެންޑިޑޭޓަކަށް، މިހާރުގެ މޭޔަރު އާދަމް އާޒިމް ހޮވިވަޑައިގަތުމުން، އެކަމަކީ ޕާޓީގެ މެމްބަރުން އާޒިމްގެ ޚިދުމަތް ބަލައިގަތުންކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ. އާދަމް އާޒިމް ޓިކެޓް ކަށަވަރު ކުރެއްވީ މިއަދު ކުރިއަށްދިޔަ އެމްޑީޕީގެ ޕްރައިމަރީގައި މެދުހެންވޭރު ދާއިރާގެ ކުރީގެ މެމްބަރު ޢަލީ އާޒިމްއާ ވާދަކުރައްވައި ކާމިޔާބު ހޯއްދަވައިގެންނެވެ.
މި ކާމިޔާބީއާ ގުޅިގެން އާޒިމަށް މަރުހަބާ ދަންނަވައި 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޞާލިހު ފާހަގަކުރެއްވި ގޮތުގައި، ޕްރައިމަރީގެ ނަތީޖާއިން ދައްކުވައިދެނީ މޭޔަރުކަމުގެ މަގާމުގައި ހުންނަވައިގެން މާލޭގެ ރައްޔިތުންނަށް އާޒިމް ކޮށްދެއްވި މަސައްކަތްތައް އެމްޑީޕީގެ މެމްބަރުން ބަލައިގެންފައިވާ ކަމެވެ. މީގެއިތުރުން، ކެމްޕެއިންގެ ތެރޭގައި މާލޭގެ ގިނަ ރައްޔިތުންނާ ބައްދަލުވެ، އެމީހުންގެ ޝުއޫރުތަކާއި އެދޭގޮތްތައް އާޒިމަށް ސާފުވެވަޑައިގެންފައިވާނެކަން ފާހަގަކުރައްވައި، ރައީސް ޞާލިހު ވަނީ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ އެ ހުށަހެޅުންތަކަށް އަމަލީ ސިފަ ގެނެސްދެއްވުމަށް މަސައްކަތް ކޮށްދެއްވުމަށް އާޒިމްގެ ކިބައިން އެދިވަޑައިގެންފައެވެ.
އާދަމް އާޒިމް މާލޭގެ މޭޔަރުކަމަށް އެންމެ ފުރަތަމަ އިންތިހާބުވެވަޑައިގަތީ މިދިޔަ އަހަރުގެ ޖެނުއަރީ މަހުގެ 22 ވަނަ ދުވަހު ބޭއްވި ބައި-އިލެކްޝަން ކާމިޔާބު ކުރައްވައިގެންނެވެ. އެފަހަރު އޭނާ އިންތިހާބު ކާމިޔާބު ކުރެއްވީ މިހާރުގެ ކައުންސިލަރު މުހައްމަދު ސައިފް ފާތިހާއި، ކުރީގެ ބަންޑާރަ ނައިބު އާއިޝަތު އާޒިމާ ޝަކޫރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު ހުސައިން ވަހީދު ފަދަ ބޭފުޅުންނާ ވާދަކުރައްވައެވެ. އެމްޑީޕީގެ ވެރިކަމުގައި އެމްޓީސީސީގެ ސީއީއޯގެ މަގާމުވެސް ފުރުއްވި އާޒިމް މިހާރުވެސް ގެންދަވަނީ އެމްޑީޕީގެ މާލެ ދާއިރާގެ ރައީސްކަން ކުރައްވަމުންނެވެ.
ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިހާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ތާވަލުކޮށްފައިވަނީ މިއަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހަށެވެ.
ކޮމެންޓު ފޮނުވާ