ގިނަ ބަޔަކު އިންތިޒާރު ކުރަމުންދިޔަ ދިރާގުގެ އެންމެ ބޮޑު އެއް ޕްރޮމޯޝަން ކަމަށްވާ 'ވިން 2 ސްޕީޑްބޯޓްސް' ގެ ދަށުން ދޫކުރުމަށް ހަމަޖެހިފައިވާ ފުރަތަމަ ލޯންޗު ލިބޭ ނަސީބުވެރިޔާ ހޮވައި އިއުލާނުކޮށްފިއެވެ.
ހުޅުމާލެ ފޭސް 2 ގައި އޮންނަ ދިރާގު ބީޗުގައި ކުލަގަދަކޮށް ބޭއްވުނު މި ހާއްސަ ރަސްމިއްޔާތުގައި، ދިރާގުގެ މޮބައިލް އަދި ފައިބަރ ބްރޯޑްބޭންޑް ޚިދުމަތް ބޭނުންކުރާ ކަސްޓަމަރުންގެ މެދުގައި ނެގުނު ގުރުއަތުން މި އަގުހުރި އިނާމު ކާމިޔާބުކޮށްފައިވަނީ ކ. މާލެ، އަބްދުﷲ ސައީދުއެވެ. އޭނާއަށް ލިބިވަޑައިގެންފައިވާ އިނާމަކީ އަލް ޝާލީ މެރިންގެ 'ކެނެރީ 28′ މޮޑެލްގެ ޒަމާނީ ސްޕޯޓްސް ލޯންޗަކާއި، އޭގައި އަޅާފައިވާ ޔަމަހާ ބްރޭންޑުގެ 250 ހޯސްޕަވަރުގެ އިންޖީނެކެވެ.
މި ގުރުއަތު ނެގުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ވީހާވެސް ހާމަކަން ބޮޑު އަދި އިންސާފުވެރި ގޮތެއްގައެވެ. އެގޮތުން، މުޅި ގުރުއަތު ނެގުމުގެ މަރުހަލާ ބެލެހެއްޓުމަށްޓަކައި މިނިވަން ތިންވަނަ ފަރާތެއްގެ ގޮތުން އޮޑިޓަރެއްގެ ދައުރު އަދާކޮށްފައިވަނީ ނެކްސާ މޯލްޑިވްސްއިންނެވެ. ނެކްސާ މޯލްޑިވްސްގެ އޮފިޝަލުން ވަނީ ގުރުއަތު ނެގި ވަގުތު އެ ސަރަހައްދުގައި ހަރަކާތްތެރިވެ، ހުރިހާ ކަމެއްވެސް އިންސާފުވެރިކަމާއެކު ދާކަން ކަށަވަރުކޮށްފައެވެ.
މި ތާރީޚީ އިވެންޓް އިތުރަށް ފުރިހަމަކޮށްދިނީ އެތަނުގައި ކުރިއަށްދިޔަ މުނިފޫހިފިލުވުމުގެ ހަރަކާތްތަކުންނެވެ. ޑީޖޭ މީކާގެ ހުށަހެޅުންތަކާއި، އާންމުންގެ މަޤުބޫލުކަން ހޯދާފައިވާ ރޮބޯމޭންގެ ފޯރިގަދަ ހަރަކާތްތަކުން އިވެންޓަށް އިތުރު ދިރުމެއް ގެނެސްދިނެވެ. އަދި މި ޕްރޮމޯޝަންގެ ނަސީބުވެރިޔާ ހޮވުމުގެ މަންޒަރުތައް ޓީވީއެމް އާއި އެސްއެސްޓީވީގެ އިތުރުން ދިރާގުގެ ރަސްމީ ސޯޝަލް މީޑިއާ ޕްލެޓްފޯމްތައް ކަމަށްވާ ފޭސްބުކް އަދި ޔޫޓިއުބް މެދުވެރިކޮށް ވަގުތުން ދުރަށް ދައްކާފައިވެއެވެ.
ދިރާގުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ ކަސްޓަމަރުންނަށް މިފަދަ އަގުހުރި ފުރުސަތުތައް ފަހިކޮށްދީ، ޑިޖިޓަލް ރާއްޖޭގައި ކަސްޓަމަރުންގެ ތަޖުރިބާ އިތުރަށް މުއްސަނދި ކުރުމަށެވެ.
ކޮމެންޓު ފޮނުވާ