ސަރުކާރުން އަލަށް ތަޢާރަފުކުރާ ޓެކްސީ ލައިންގެ ޚިދުމަތަށް ބޭނުންވާ މުވައްޒަފުން ނެގުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ޚާއްސަ ވޯކިން އިންޓަވިއުއެއް ބޭއްވުމަށް ނިންމައިފިއެވެ. މި އިންޓަވިއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި ހިނގާ މަހުގެ 17 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10:00 އިން ހަވީރު 6:00 އަށް މާފަންނު ބަސް ޓާމިނަލްގައެވެ.
ތިމާވެއްޓާ ރައްޓެހި އިލެކްޓްރިކް ވެހިކަލްތަކެއް ބޭނުންކޮށްގެން ފަށާ މި ޚިދުމަތަށް ޖުމްލަ 407 ޑްރައިވަރުން ހޯދުމަށް އެމްޓީސީސީން ވަނީ އަމާޒު ހިފާފައެވެ. މީގެ ތެރޭގައި ފުލްޓައިމްކޮށް މަސައްކަތްކުރާނެ 285 ޑްރައިވަރުންނާއި، ޕާޓްޓައިމްކޮށް މަސައްކަތްކުރާނެ 122 ޑްރައިވަރުން ހިމެނެއެވެ. މުވައްޒަފުން ހޮވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޓެކްސީ ޑްރައިވަރުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އިސްކަންދޭނެ ކަމަށް އެ ކުންފުނިން މަޢުލޫމާތު ދެއެވެ.
މި ޖެނުއަރީ މަހުގެ ނިޔަލަށް ފެށުމަށް ތައްޔާރުވަމުންދާ މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގައި މާލެ، ހުޅުމާލެ އަދި ވީއައިއޭގައި ޚިދުމަތް ފަށާއިރު، 2029 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ބޮޑެތި ސިޓީތަކަށާއި ރަސްމާލެއަށް މި ޚިދުމަތް ފުޅާކުރުމަށް ވަނީ ރާވާފައެވެ. ސަރުކާރުގެ އަމާޒަކީ މި ޚިދުމަތް މެދުވެރިކޮށް އާންމުންނަށް ދިމާވާ ޓެކްސީ ހޯދުމުގެ ދަތިކަމަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ.
ކޮމެންޓު ފޮނުވާ