ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން އަހުމަދު ޝަމާހު މިއަދު ވަކިކޮށްފައިވާއިރު، އެކަން ކުރި ސަބަބެއް އެނގިވަޑައިނުގަންނަވާ ކަމަށާއި ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އޯޑިއޯއަކީ ހަގީގަތެއް ނެތް "ފޭކު" އޯޑިއޯއެއް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރައިޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ޝަމާހު މަގާމުން ވަކިކުރިކަން އެންގި ނަމަވެސް، އޭގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ.
މިކަމާ ގުޅިގެން ޝަމާހު ވިދާޅުވީ ދައުރުވަމުންދާ އޯޑިއޯއަކީ "ފެބްރިކޭޓެޑް" އެއްޗެއް ކަމަށެވެ. އެ އޯޑިއޯގައި ކުންފުނީގެ އެތެރޭގެ ކަންތައްތަކެއް، ޕްރޮކިއުމަންޓް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރު އަޒްހަދު ރަމީޒަށް އެނގޭނެ ކަމަށް ބުނާ އަޑު އިވުނު ނަމަވެސް، އެއީ އޭނާގެ އަޑު ނޫންކަމަށް ޝަމާހު ވަނީ ޔަގީންކޮށްދެއްވާފައެވެ. ޝަމާހު މަގާމުން ވަކިކުރުމާ އެކުއެކީހެން، އަޒްހަދު ވެސް ވަނީ ޕްރޮކިއުމަންޓް ހެޑްގެ މަގާމުން ދުރުކޮށްފައެވެ. ބެލެވޭ ގޮތުގައި މި ފިޔަވަޅުތައް އަޅާފައިވަނީ ކޮރަޕްޝަންގެ ތުހުމަތުތަކަކާ ގުޅިގެންނެވެ.
މި ސަރުކާރުގައި އެންމެ ފުރަތަމަ މިފްކޯގެ ސީއީއޯގެ މަގާމަށް އައްޔަންކުރެއްވި ޝަމާހު، ކޯޕަރޭޓް ގަވަނެންސްގެ މައްސަލަތަކަކާ ގުޅިގެން އެ ކުންފުނީގައި ހުންނެވިއިރު ދެ ފަހަރެއްގެ މަތިން ސަސްޕެންޑު ވެސް ކުރިއެވެ. އޭގެ ފަހުން ފިޝަރީޒް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެއްވުމަށްފަހު ސްޓެލްކޯއަށް ބަދަލުކުރެއްވީ ފަހުންނެވެ.
ކޮމެންޓު ފޮނުވާ