ރައްޔިތުންގެ މަޖިލިހުގެ ހޯރަފުށީ ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ސަލީމްގެ އަބުރު ގެއްލޭގޮތަށް "ދިޔަރެސް" ނޫހުގައި ޚަބަރެއް ޝާއިއުކުރި ކަމަށް ބުނެ، އެ ނޫހާއި ނޫހުގެ އެޑިޓަރު ހީނާ ވަލީދުގެ މައްޗަށް ކުރި ދައުވާ ސިވިލް ކޯޓުގައި ސާބިތުނުވުމުން އެ މައްސަލަ ހައި ކޯޓުގައި އިސްތިއުނާފު ކޮށްފިއެވެ. މި މައްސަލައަކީ 2022 ވަނަ އަހަރުގެ ޖޫން މަހުގެ 25 ވަނަ ދުވަހު ދިޔަރެސް ނޫހުގައި ޝާއިއުކުރި ޚަބަރަކާ ގުޅިގެން އުފުލި ދައުވާއެކެވެ. އެ ޚަބަރުގައި ބުނެފައިވަނީ ސޯޝަލް މީޑިއާގައި އާންމުވި ބަދުއަހުލާގީ ވީޑިއޯއެއްގައި ފެންނަ އެކަކީ ސަލީމް ކަމަށް ބެލެވޭ ކަމަށެވެ.
މި ޚަބަރުގެ ސަބަބުން އަބުރަށް ހުތުރުވެފައިވާތީ، މާއްދީ ގެއްލުމުގެ ބަދަލުގެ ގޮތުގައި 5،000 ރުފިޔާ އާއި މައުނަވީ ގެއްލުމުގެ ބަދަލަށް 10 މިލިއަން ރުފިޔާގެ އިތުރުން ގާނޫނީ ވަކީލުގެ ފީގެ ގޮތުގައި 50،000 ރުފިޔާ ނަގައިދިނުމަށް ސަލީމް ވަނީ ސިވިލް ކޯޓުގައި އެދިވަޑައިގެންފައެވެ. ނަމަވެސް، މިދިޔަ ސެޕްޓެމްބަރު މަހު ސިވިލް ކޯޓުން ހުކުމްކުރީ ސަލީމްގެ ދައުވާ ސާބިތުނުވާ ކަމަށެވެ. އެގޮތަށް ކަނޑައެޅީ، ކޯޓަށް ދިއުމުގެ ކުރިން ސަލީމް އެ މައްސަލަ މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އަށް ހުށަހަޅުއްވާފައި ވާތީއެވެ. އެމްއެމްސީއަށް މައްސަލަ ހުށަހަޅާ ފޯމުގައި، އެ މައްސަލައަކާ ގުޅޭގޮތުން ޝަރުއީ ކޯޓެއްގައި ދައުވާކުރުމުގެ ހައްގު ދޫކޮށްލަން އިގުރާރުވެ ސޮއިކުރަންޖެހޭއިރު، ސަލީމް އެގޮތަށް ސޮއިކުރައްވާފައިވާކަން ދައުވާ ލިބޭ ފަރާތްތަކުން ވަނީ ފާހަގަކޮށްފައެވެ. އެހެންކަމުން ދައުވާކުރުމުގެ ހައްގު ސަލީމް ދޫކޮށްލާފައިވާ ކަމަށް ކޯޓުން ނިންމިއެވެ.
މީގެ އިތުރުން، ދަށު ކޯޓުން މައްސަލަ ނިންމިއިރު، ޝަރީއަތުގެ ޚަރަދުގެ ގޮތުގައި ހީނާ އާއި ދިޔަރެސް ނޫހަށް 15،000 ރުފިޔާ ދެއްކުމަށް ވެސް ސަލީމްގެ މައްޗަށް ވަނީ ހުކުމްކޮށްފައެވެ. މި މައްސަލައިގައި ދައުވާ ލިބުނު ހީނާ ވަލީދަކީ މިހާރު ރައީސް އޮފީހުގެ ތަރުޖަމާނުކަމާއި އެންސްޕާގެ ސީއީއޯގެ މަގާމު ފުރުއްވަމުން ގެންދަވާ ބޭފުޅެކެވެ. ސިވިލް ކޯޓުގެ ނިންމުން ހިތްހަމަނުޖެހިގެން ސަލީމްގެ ފަރާތުން މި މައްސަލަ ހައި ކޯޓަށް ހުށަހެޅީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހު ކަމަށް ވިޔަސް، މައްސަލަ ބަލައިގަތުމާ މެދު ކޯޓުން އަދި ވަކި ގޮތެއް ނިންމާފައެއް ނުވެއެވެ.
ކޮމެންޓު ފޮނުވާ