ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސިސްޓަމްތަކުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މެއިންޓެނަންސް މަސައްކަތްތަކަކާ ގުޅިގެން، މިރޭ އެ ބޭންކުގެ ޚިދުމަތްތަކަށް ބުރޫއެރުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބޭންކުން ބުނެފިއެވެ.
މިކަން ހާމަކޮށް ބީއެމްއެލްއިން ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ މެސެޖެއްގައި ބުނެފައިވަނީ، މި މަސައްކަތްތައް ކުރުމަށް ތާވަލުކޮށްފައިވަނީ މިރޭ ދަންވަރުގެ ވަގުތެއްގައި ކަމަށެވެ. އެގޮތުން މިރޭ މެންދަމު 1:00 އިން ފެށިގެން ފަތިހު 4:00 އާ ދެމެދުގެ ވަގުތެއްގައި، ގާތްގަނޑަކަށް އެއް ގަޑިއިރެއްހާއިރަށް ބޭންކުގެ ޚިދުމަތްތައް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް އެ ބޭންކުން މައުލޫމާތު ދެއެވެ.
މި ވަގުތުތަކުގައި ބުރޫއަރާނެ ކަމަށް ލަފާކުރެވޭ ޚިދުމަތްތަކުގެ ތެރޭގައި ބީއެމްއެލްގެ އިންޓަނެޓް ބޭންކިންގ އާއި މޯބައިލް އެޕްގެ އިތުރުން، އޭޓީއެމް، ޕީއޯއެސް މެޝިން އަދި ކާޑުގެ ޚިދުމަތްތައް ހިމެނެއެވެ. މީގެ އިތުރުން ބޭންކުގެ ޔޫއެސްޑީ ބުކިންގ ޕޯޓަލް އާއި ޕޭމަންޓް ގޭޓްވޭގެ ޚިދުމަތްތައް ބޭނުންކުރުމުގައިވެސް ދަތިތަކެއް ކުރިމަތިވެދާނެ ކަމަށް ބޭންކުން ވަނީ ފާހަގަކޮށްފައެވެ.
ބޭންކުގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ކުރިއަށް ގެންދާ މިފަދަ މަސައްކަތްތަކުގެ ސަބަބުން ކަސްޓަމަރުންނަށް ދިމާވެދާނެ ދަތިތަކަށްޓަކައި ބީއެމްއެލްއިން ވަނީ ކަސްޓަމަރުންގެ ކިބައިން މާފަށް އެދިފައެވެ.
ކޮމެންޓު ފޮނުވާ