ރާއްޖޭގެ ވައި ނުރައްކާވާ މިންވަރަށް ނުސާފުވެ، ސަމާލުވާން އިލްތިމާސް ކޮށްފި

ރާއްޖޭގެ ވައި ނުރައްކާވާ މިންވަރަށް ނުސާފުވެ، ސަމާލުވާން އިލްތިމާސް ކޮށްފި

Author
އަލީ ރައޫފް
07 ޖެނުއަރީ 2026 04:21
0

ރާއްޖޭގެ އުތުރާއި މެދުރާއްޖޭގެ ބޮޑު ސަރަޙައްދުތަކުގައި ވައިގެ ނުސާފުކަން އާންމު ސިއްޙަތަށް ނުރައްކާވާ މިންވަރަށް އަރާފައިވާކަން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކޮށްފިއެވެ. މިހާރު ރާއްޖޭގެ ވައި "ރެޑް އެލަރޓް" މިންވަރަށް އަރާފައިވާއިރު، ދުރު ފެންނަ މިންވަރު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ.

މެޓު އޮފީހުގެ މޮނީޓަރިންގ ސިސްޓަމުން ދައްކާގޮތުން މާލެ ސަރަޙައްދުގެ ވައިގެ ނުސާފުކަން 193 އަށް އަރާފައިވާއިރު، ދ. ކުޑަހުވަދޫގައި އެ މިންވަރު ހުރީ 162 ގައެވެ. ކުރިއަށް އޮތް ހަ ގަޑިއިރުވެސް ވައި ހުންނާނީ ނުރައްކާ މިންވަރުގައި ކަމަށް ލަފާކުރެވޭތީ، ސިއްޙީ މައްސަލަ ނެތް ފަރާތްތަކުންވެސް މިއަދު ސަމާލުވާންޖެހޭ ކަމަށް މެޓުން ވަނީ އިލްތިމާސް ކުރެއްވެފައެވެ.

މި ވައިގެ ނުސާފުކަން އިތުރުވެފައިވަނީ އިރުވައި މޫސުމުގައި އިންޑިއާ އަދި ހިމާލިޔާ ސަރަޙައްދުން އަންނަ ފުސްދުމާގެ ސަބަބުންކަން މެޓު އޮފީހުން ހާމަކުރެއެވެ. މިއީ ކޮންމެ އަހަރެއްގެވެސް އިރުވައި މޫސުމުގައި ރާއްޖެއަށް ކުރިމަތިވަމުންދާ މައްސަލައެކެވެ. މި ހާލަތު ރަނގަޅުވާނެ ކަމަށް ބެލެވެނީ އަންނަ ހޮނިހިރު ދުވަހުގެ ފަހުންނެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ ކުރިއަށް އޮތް ފަސް ދުވަހުވެސް މި އަސަރު ހުންނާނެތީ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުއްވުމަށް އިލްތިމާސްކުރާ ކަމަށެވެ. އާންމުންނަށް ވައި ސާފު މިންވަރު ބަލާލުމަށް IQAir Visual އެޕްލިކޭޝަން ނުވަތަ ކަނޑައެޅިފައިވާ ވެބްސައިޓް މެދުވެރިކޮށް މަޢުލޫމާތު ހޯދުމަށް ކަމާބެހޭ އިދާރާތަކުން އިރުޝާދު ދީފައިވެއެވެ. ސިއްޙީ މައްސަލަ ނެތް މީހުންވެސް ބޭރަށް ނުކުމެ އުޅުމުގައި ސަމާލުވުމަށް ވަނީ އެދިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.