ސިވިލް ސާވިސް ހެދުން ގަވައިދަށް ގެނައި އިސްލާހަށް އަދާލަތުން ތާއީދު

ސިވިލް ސާވިސް ހެދުން ގަވައިދަށް ގެނައި އިސްލާހަށް އަދާލަތުން ތާއީދު

Author
އައިޝަތު އަޙްމަދު
04 ޖެނުއަރީ 2026 07:19
0

ސިވިލް ސާވިސް މުވައްޒަފުންގެ ހެދުމާ ގުޅޭ ގަވައިދަށް ގެނައި އިސްލާހަކީ އިޖުތިމާއީ ސަލާމަތަށް އެޅި ރަނގަޅު ފިޔަވަޅެއް ކަމަށް ބުނެ އަދާލަތު ޕާޓީން މިއަދު ތާއީދުކޮށްފިއެވެ. މިދިޔަ ހަފުތާގެ އަންގާރަ ދުވަހު ގެޒެޓުކުރި އިސްލާހުތަކުގައި ފިރިހެން މުވައްޒަފުން ރަސްމީ ގަޑީގައި ޓައީއާއެކު ގަމީސް އަޅައި އޮފީސް ބޫޓަށް އަރައިފައި ތިބުމާއި، އަންހެން މުވައްޒަފުންގެ ހެދުމުގެ ދިގުމިނާއި، ހުރަސް ނުފެންނަ ވަރަށް ބަންދުކުރުމާއި، އިސްތަށިގަނޑު ކަޅުކުރުން ފިޔަވައި ފާޅުކަން ބޮޑު ކުލައެއްޖެއްސުން މަނާކުރުން ހިމެނެއެވެ.

އަދާލަތު ޕާޓީން ނެރުނު ބަޔާނުގައި ވަނީ، ހެދުން އެޅުމުގެ މަގްސަދަކީ އައުރަ ނިވާކުރުމާއި އިންސާނާގެ އިއްފަތްތެރިކަމާއި ކަރާމާތް ރައްކާތެރިކުރުން ކަމަށާއި، އެއީ ކޮންމެ މުސްލިމަކުގެ މައްޗަށް ވާ ވާޖިބު ކަމެއް ކަމަށެވެ. އެގޮތުން، އިސްލާމީ މިންގަނޑުތަކާ އެއްގޮތަށް އައުރަ ނިވާކޮށްގެން އުޅުމަކީ ރައްކާތެރިކަމެއް ކަމަށް އެ ޕާޓީން ފާހަގަކުރިއެވެ.

ނަމަވެސް އިދިކޮޅު އެމްޑީޕީން ވަނީ މި އިސްލާހަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. އެ ޕާޓީގެ އަންހެނުންގެ ރޫހުން ނެރުނު ބަޔާނެއްގައި ބުނީ، ގަވައިދަށް ބަދަލު ގެނައީ އަންހެން މުވައްޒަފުންގެ ފަރުދީ މިނިވަންކަމަށް ހުރަސްއަޅައި، ޒާތީ މިނިވަންކަން ހަނިކުރުމުގެ ގޮތުން ކަމަށް ތުހުމަތުކޮށްފައެވެ. އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވަނީ ސަރުކާރުން އަންހެނުންގެ ޒާތީ ދިރިއުޅުމުގެ ހުރިހާ ކަމެއް ކޮންޓްރޯލްކުރުން އުޅޭ ކަމަށް ތުހުމަތުކުރައްވާފައެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ، އަންހެނުންގެ ޒީނަތްތެރިކަން ހިފެހެއްޓުމުގެ ނަމުގައި ޒާތީ ކަންކަމުގެ ތެރެއަށް ދައުލަތުން ވަންނާކަށް ނުޖެހޭ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.