ސިޔާސީ ޕާޓީން ވަގުތުން ވަކިވެވޭނެ ގޮތް ހަދައިފި

ސިޔާސީ ޕާޓީން ވަގުތުން ވަކިވެވޭނެ ގޮތް ހަދައިފި

Author
ހުސެއިން
01 ޖެނުއަރީ 2026 04:09
0

އިލެކްޝަންސް ކޮމިޝަނުން ސިޔާސީ ޕާޓީތަކުގެ އާންމު މެމްބަރުންނަށް ޕާޓީއަކުން ވަގުތުން ވަކިވެވޭނެ ގޮތް މިއަދުން ފެށިގެން ހަމަޖައްސައިފިއެވެ. މީގެ ކުރިން މެންބަރަކު ޕާޓީގެ ދަފްތަރުން ވަކިކުރަނީ ކޮމިޝަނުގެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށްފަހު 14 ދުވަހުގެ ތެރޭގައި ކަމުގައި ވީނަމަވެސް، ސިޔާސީ ޕާޓީތަކަށް ރަޖިސްޓަރީވުމާއި ޕާޓީން ވަކިވުމުގެ ކަންކަން ލުއިފަސޭހަ ކުރުމުގެ ގޮތުން މި ބަދަލު ގެނެސްފައިވާ ކަމަށް ކޮމިޝަނުން ބުނެއެވެ.

އާ އުސޫލުގެ ދަށުން ސިޔާސީ ޕާޓީތަކުގެ މެންބަރުން ދަފުތަރު ކުރުމަށް މައި ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ރިކުއެސްޓްތައް ޕާޓީއިން 30 ދުވަހުގެ ތެރޭގައި ޕްރޮސެސް ކުރަންޖެހޭނެއެވެ. މި މުއްދަތުގައި ޕާޓީއިން ރިކުއެސްޓް ޕްރޮސެސް ނުކޮށްފިނަމަ އެފަރާތަކު އޮޓޮމެޓިކުން ޕާޓީގައި ރަޖިސްޓަރީވާނެއެވެ. އަދި ޕާޓީން ވަކިވުމަށް ހުށަހަޅާ ރިކުއެސްޓްތައް ވަގުތުން ފުރިހަމަ ކުރާނެއެވެ.

ނަމަވެސް ކޮމިޝަނުގައި ދަފުތަރު ކޮށްފައިވާ ޕާޓީތަކުގެ އިސްމަޤާމުތަކުގައި ތިއްބަވާ މެންބަރުން ޕާޓީން ވަކިވަން ބޭނުންނަމަ ނުވަތަ އެހެން ޕާޓީއަކަށް ރަޖިސްޓަރީ ކުރަން ބޭނުންނަމަ އެބޭފުޅުން ފުރަތަމަ އިސްމަޤާމުން ވަކިވުމަށް ހުށަހަޅަންޖެހޭނެއެވެ. މީގެ އިތުރުން މަޖިލިސް މެންބަރުންނާއި ކައުންސިލަރުން ޕާޓީން ވަކިވުމުގެ ރިކުއެސްޓް ހުށަހަޅާނަމަވެސް ވަގުތުން ޕާޓީން ވަކިކޮށްދޭނެއެވެ. ނަމަވެސް ޤާނޫނު އަސާސީ އާއި ޤާނޫނުގެ ދަށުން ޕާޓީން ވަކިވުމުން ނުވަތަ ޕާޓީ ބަދަލުކުރުމުން އެބޭފުޅުންގެ ގޮނޑި ގެއްލޭނެއެވެ. ސިޔާސީ ޕާޓީއަކުން މެންބަރަކު ދަފްތަރުން އުނިކުރަން ބޭނުންނަމަ ސިމެދަ ޕޯޓަލްގެ ލޮގިން މެދުވެރިކޮށް އެކަން ކުރެވޭނެ ކަމަށް ކޮމިޝަނުން ބުނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.