ގަވައިދާ ޚިލާފަށް ބަނގުރާ ގެންގުޅުނު ނޭޕާލުގެ ހަ މީހަކު ހައްޔަރުކޮށްފި

ގަވައިދާ ޚިލާފަށް ބަނގުރާ ގެންގުޅުނު ނޭޕާލުގެ ހަ މީހަކު ހައްޔަރުކޮށްފި

Author
އައިޝަތު އަޙްމަދު
30 ޑިސެމްބަރ 2025 01:16
0

މާލޭގައި ގަވައިދާ ޚިލާފަށް ބަނގުރާ ގެންގުޅެ ބޭނުންކުރަމުން ދިޔަ ކަމުގެ ތުހުމަތުގައި ނޭޕާލުގެ ހަ މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ. ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ޑްރަގް އެންފޯސްމަންޓާ ގުޅިގެން މިދިޔަ އާދީއްތަ ދުވަހު ހިންގި އޮޕަރޭޝަނެއްގައި ފަސް ފިރިހެނަކާއި އަންހެނަކު ހައްޔަރުކުރި ކަމަށް ފުލުހުން ހާމަކުރެއެވެ.

މާފަންނުގައި ހުރި ކެފޭއަކާއި ގެއެއް ބަލައިފާސްކުރި އޮޕަރޭޝަންގައި، ބަނގުރާ ކަމަށް ބެލެވޭ 500 މިލިލީޓަރުގެ 21 ފުޅި ހުރިހާ ހޯދިފައިވެއެވެ. ހައްޔަރުކުރި ހަ މީހުން މިހާރު އަނބުރާ ފޮނުވާލަން އިމިގްރޭޝަނާ ހަވާލުކޮށްފައިވާއިރު، މި މައްސަލަ ފުލުހުން އިތުރަށް ތަހުގީގު ކުރަމުންދެއެވެ.

ރާއްޖޭގައި ކުށުގެ ވެށީގައި ހަރަކާތްތެރިވާ ބިދޭސީންގެ މައްސަލަ އާންމުވެފައިވާއިރު، ބަނގުރާ ވިއްކާ ބިދޭސީންގެ މައްސަލަ ވެސް ގިނަ ފަހަރަށް ފެންމަތިވެއެވެ. މި މަހުގެ މިހާތަނަށް ބަނގުރާއާ ގުޅޭ މައްސަލަތަކުގައި 11 ބިދޭސިއަކު ހައްޔަރުކޮށްފައިވާކަން ފުލުހުންގެ މައުލޫމާތުން ހާމަވެއެވެ. މިދިޔަ ބުރާސްފަތި ދުވަހު ވެސް މާލޭގައި ބަނގުރާ ކައްކައި ވިއްކަމުންދިޔަ އިންޑިއާގެ ދެ ފިރިހެނަކު ހައްޔަރުކޮށް އިމިގްރޭޝަނާ ހަވާލުކޮށްފައިވެއެވެ. ގަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން މިހާރު ދަނީ ބޮޑެތި މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.