މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ސްލޮޓެއްގައި ޓްރާންސްޕޯޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް ހުންނެވި ޝިމާޒް ޢަލީ ގެ މައްޗަށް ކޮށްފައިވާ ކޮރަޕްޝަންގެ ތުހުމަތުތައް އަވަހަށް ބަލައިދިނުމަށް އެމްއާރުއެމުން އޭސީސީގައި އެދިއްޖެ އެވެ.
އެންޓިކޮރަޕްޝަން ކޮމިޝަންގެ ރައީސް މަރްޔަމް ޝިއުނާއަށް އެޑްރެސްކޮށް އެމްއާރުއެމުން ފޮނުވާފައި ވާ ސިޓީގައި ބުނެފައި ވަނީ އެޕާޓީގެ ސްލޮޓެއްގައި ވަޒީފާ އަދާކުރައްވަމުން ގެންދަވާ ޝިމާޒް ޢަލީ ގެ މައްޗަށް ކޮރަޕްޝަންގެ ތުހުމަތުތަކެއްކޮށް، ޓެންޑާ ބޯޑުގެ ޗެއާމަން އިސްމާޢީލް ޒަރިޔަންދު، ދިރާސާކޮށް ލިޔެ ތައްޔާރުކޮށްފައިވާ ރިޕޯޓެއް ސިޓީއާއެކު ފޮނުވާފައި ވާކަމަށެވެ.
އަދި އެ މައްސަލައަކީ މިހާރުވެސް އޭސީސީން ބަލަމުންގެންދާ މައްސަލައެއް ކަމަށްވާތީ، މައްސަލަ އަވަހަށް ނިންމާ، މައްސަލަ ނިމުނުގޮތުގެ ރިޕޯޓް އެ ޕާޓީއާވެސް ހިއްސާ ކޮށްދިނުމަށް އެމްއާރުއެމުން ވަނީ އެދިފައެވެ.
ޓްރާސްޕޯޓް މިނިސްޓްރީގެ ތެރޭގައި އެމްއާރުއެމްއަށް ނިސްބަތްވާ ބޭފުޅަކު ކޮރަޕްޝަނަށް މަގުފަވިވާފަދަ އަމަލުތައް ހިންގައިވާކަމަށް ޒަރިޔަންދު ވިދާޅުވުމާ ގުޅިގެން އެމްއާރުއެމްގެ ރައީސް މައުމޫން މައުމޫން އަބްދުލްގައްޔޫމް ވަނީ މައްސަލައިގެ ތަފްސީލް ފޮނުވައި ދެއްވުމަށް އެދިވަޑައިގެންފައެވެ. ސިޓީއާއެކު އޭސީސީއަށް ފޮނުވާފައިވާ ރިޕޯޓަކީ، އެ އެދުމުގެ މަތިން އެމްއާރްއެމްއަށް ޒަރިއަންދު ފޮނުވާފައިވާ ރިޕޯޓެވެ.
އެއްގަމު އުޅަނދުގެ ރަޖިސްޓްރީ ނަމްބަރު ބޯޑު ބަދަލުކުރުން ވަކި ކުންފުންޏަކަށް ހަވާލުކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ފަދަ ކަންކަން ހުރިކަމުގެ ތުހުމަތު ޓްރާންސްޕޯޓް މިނިސްޓްރީގެ އިސްބޭފުޅުންތަކަކަށް ކުރެވިފައިވާ މިދަނޑިވަޅުގައި ޒަރިޔަންދު ވިދާޅުވީ ޓްރާސްޕޯޓް މިނިސްޓްރީ ތެރޭގައި އެމްއާރުއެމްއަށް ނިސްބަތްވާ ފިރިހެން ޑެޕިއުޓީ މިނިސްޓަރެއްގެ އަމަލުތަކުން، ދައުލަތުގެ މާލިއްޔަތު ގަވާއިދުތަކަށް ގޮންޖަހައި ކޮރަޕްޝަނަށް މަގުފަހި ވާގޮތަކަށް އަމަލުތައް ހިންގަމުންދާކަމަށެވެ. މިކަމުގައި ރައީސް މައުމޫން ގޮތެއް ނިންމެވުމަށް ޒަރިޔަންދު ވަނީ އޭރު އެދިވަޑައިގެންފައެވެ.
އެ މައްސަލާގެ ތުހުމަތު މިނިސްޓްރީގެ ތެރެއިން ބޮޑަށް އަންނަނީ މަސައްކަތް ވަސާޖިއޯ އާއި ހަވާލުކުރި ބިޑް ކޮމިޓީގެ ޗެއާ އަދި މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ޝިމާޒް އަލީ އަށެވެ. ނަމަވެސް އެކަން އޭނާ ދޮގުކުރެއެވެ. އަދި އެއީ ވަކި ބަޔަކު ބޭނުންވާ ކުންފުންޏަކަށް އެ މަސައްކަތް ހަވާލު ނުކުރުމުން ސިޔާސީ ގޮތުން އަބުރު ކަތިލުމަށް ފަތުރާ ދޮގު ވާހަކަތަކެއް ކަމަށް ޝިމާޒް ވިދާޅުވެއެވެ.
ކޮމެންޓު ފޮނުވާ