ސްކޫލުތަކުގައި ފޯނު ބޭނުންކުރުން މަނާކުރުން ވަރުގަދަ ކުރަން ނިންމައިފި

ސްކޫލުތަކުގައި ފޯނު ބޭނުންކުރުން މަނާކުރުން ވަރުގަދަ ކުރަން ނިންމައިފި

Author
ހުސެއިން
22 ޑިސެމްބަރ 2025 01:14
0

ގްރޭޑް 10 އިން ދަށުގެ ދަރިވަރުންނަށް ސްކޫލުތަކުގައި ފޯނު ބޭނުންކުރުން މަނާކޮށްފައި އޮތް އޮތުން ކުރިއަށް އޮތް ދިރާސީ އަހަރާއެކު ވަރުގަދަކޮށް ތަންފީޒުކުރަން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ރައްޔިތުންނާ މިރޭ ރެހެންދި ސްކޫލުގައި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މިހާރުވެސް ގްރޭޑް 10 އިން ދަށުގެ ކުދިންނަށް ސްކޫލަށް ފޯނު ގެންދިއުމަކީ މަނާކޮށްފައިވާ ކަމެއް ކަމުގައެވެ. އެކަން ރަނގަޅަށް ތަންފީޒުކުރެވެމުން ނުދާތީ އެ ބައި ވަރުގަދަ ކުރަން ނިންމާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގްރޭޑް 11 އަދި 12 ގެ ދަރިވަރުންނަށް ސްކޫލަށް ފޯނު ގެންދެވޭނެ ކަމަށާއި އެހެންނަމަވެސް އެޑިޔުކޭޝަން މިނިސްޓްރީން ލޮކާ ސިސްޓަމެއް ހޯދައި ކްލާސް ގަޑީގައި ފޯނު ބޭނުންކުރުން މަނާކުރާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. ކްލާސް ނިމުނީމަ ދަރިވަރުންނަށް ފޯނު އަތަށް ލިބޭނެ ގޮތަށް އެ ސިސްޓަމް ހައްދަވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މި މައްސަލަ ރައީސް ފާހަގަކުރެއްވީ އައްޑޫ ސިޓީގައި ހިންގާ ސްކޫލެއްގައި ދަރިވަރުން ކްލާސް ގަޑީގައި ފޯނު ބޭނުންކުރާ މައްސަލައިގައި އާންމުންގެ ކަންބޮޑުވުން ބޮޑުވެފައިވަނިކޮށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.