ދައުލަތުގެ ތަރައްގީގެ މަޝްރޫއުތަކަށް ހިނގާ ޕަބްލިކް ސެކްޓާ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) އަށް މި އަހަރު ހަތް ބިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ. މިނިސްޓްރީން ނެރުނު ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން ޑިސެމްބަރު 4 ވަނަ ދުވަހުގެ ނިޔަލަށް ޕީއެސްއައިޕީއަށް 7.2 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ހަރަދުކުރި 10.1 ބިލިއަން ރުފިޔާއަށްވުރެ 2.9 ބިލިއަން ރުފިޔާ މަދު އަދަދެކެވެ. މި އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީއަށް ކަނޑައަޅާފައިވަނީ 12.3 ބިލިއަން ރުފިޔާއެވެ.
މި އަހަރު ޕީއެސްއައިޕީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރެވުނީ އެއާޕޯޓް މަޝްރޫއުތަކަށެވެ. އެގޮތުން އެއާޕޯޓް މަޝްރޫއުތަކަށް 3.1 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާއިރު، ބަޖެޓުގައި އެ މަޝްރޫއުތަކަށް ކަނޑައަޅާފައިވަނީ 2.3 ބިލިއަން ރުފިޔާއެވެ. މީގެ އިތުރުން ބްރިޖު މަޝްރޫއަށް 856.5 މިލިއަން ރުފިޔާއާއި، ބިން ހިއްކުމުގެ މަޝްރޫއުތަކަށް 402.1 މިލިއަން ރުފިޔާއާއި، މަގު ހެދުމުގެ މަޝްރޫއުތަކަށް 164.6 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް 270 މިލިއަން ރުފިޔާއާއި، ތިމާވެށި ހިމާޔަތްކުރުމުގެ މަޝްރޫއުތަކަށް 422.5 މިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފައެވެ.
ކޮމެންޓު ފޮނުވާ