މިއަދާއި މާދަމާވެސް ރާއްޖެ ސަރަޙައްދުގެ ވައި ވަރަށް ބޮޑަށް ނުސާފުވާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ބުނެފިއެވެ. މެދުރާއްޖެ ތެރެއާއި އުތުރުގެ ސަރަޙައްދުތަކަށް މިއަދު ދުރު ފެންނަ މިންވަރު ހުރީ ތިން ކިލޯމީޓަރަށް ކުޑަވެފައެވެ.
ރާއްޖެ ސަރަޙައްދުގެ ވައި މިދުވަސްވަރު ނުސާފުވެފައިވަނީ އިރުވައި މޫސުމުގައި އިންޑިއާ އަދި ހިމާލިޔާ ސަރަޙައްދުން ވައި ޖެހުމާއެކު އަންނަ ދުމާއެކުގައެވެ. މެޓު އޮފީހުން ބުނީ މިދެދުވަހު ވިޒިބިލިޓީ ހުންނާނީ ތިން ކިލޯމީޓަރަށް ކަމަށާއި، މައްސަލަ އެންމެ ބޮޑަށް ކުރިމަތިވާނީ މެދުރާއްޖެ ތެރެއާއި އުތުރު ސަރަޙައްދުތަކަށް ކަމަށެވެ. ދެކުނަށް މި މައްސަލަ ނުކުރާ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.
މެޓު އޮފީހުން މަޢުލޫމާތު ދިނީ ބުރާސްފަތި އަދި ހުކުރު ދުވަހު ރާއްޖެއަށް ވިއްސާރަކުރާނެ ކަމަށް ލަފާކުރެވޭތީ އެދެދުވަހު ވައި ނުސާފުވުމުގެ މައްސަލަ ކޮންމެވެސް ވަރަކަށް ހައްލުވާނެ ކަމަށެވެ. ވައި ފުރިހަމައަށް ސާފުވާނެ ކަމަށް ބެލެވެނީ އިރުވައި މޫސުން ނިމޭ ހިސާބުންނެވެ.
ރާއްޖޭގެ ބޮޑު ބަޔަކަށް ވައި ނުސާފުވުމުގެ މައްސަލަ ކުރިމަތިވެފައިވާއިރު، ސިއްޙީގޮތުން ނާޒުކު ޙާލަތްތަކުގައި ތިބޭ މީހުންނަށް ނޭވާލާ ނިޒާމުގެ މައްސަލަތައް ކުރިމަތިވުމުގެ ފުރުސަތު ބޮޑު ކަމަށް ސިއްޙީ މާހިރުން ބުނެއެވެ.
ކޮމެންޓު ފޮނުވާ